ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ޔޫކްރެއިން ދެމެދު ސީދާ ގޮތެއްގައި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިނުވާކަމަށް ރަޝިއާއިން ބުނެފިއެވެ.
ދާދި ފަހުން ދެ ގައުމުންވަނީ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް ރަސްމީގޮތުން ބައްދަލޮށްފައެވެ. މި ބައްދަލުވުމަށްފަހު ދެ ގައުމުންވެސްވަނީ ގައިދީން ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށްވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވަނީ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ހިއްސާކޮށްފައެވެ. ނަމަވެސް ރަޝިއާއިންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ސީދާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ރަސްމީ ސިފައެއްގައި އެއްބަސްވެފައިނުވާކަމަށް އެ ގައުމުގެ ރައީސް އޮފީހުން މީޑިއާތަކަށް ހާމަކޮށްފައިވެއެވެ.
ވޭދުވެދިޔަ މަސްތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއިންވެސް ސުލްހަ ގާއިމުކުރުމުގެ ގޮތުން ދެ ގައުމަށްވެސް ބާރުއަޅަމުން އައިސްފައިވާއިރު އެ މަސައްކަތްތަކުގައި މާބޮޑެތި ކުރިއެރުންތަކެއް އައިސްފައިނުވެއެވެ. ޔޫކްރެއިންއިން ބުނާގޮތުން ރަޝިއާއިންދަނީ ޖޫން މަހާއި ގާތުން އެ ގައުމަށް ހަމަލާތަކެއް ދީގެން އިތުރު ސަރަހައްދުތަކެއް އަތުލައިގަތުމަށް ތައްޔާރުވަމުންކަމަށެވެ.
ރަޝިއާއިން ބުނާގޮތުން ކުރިމަގުގައި ސުލްހަ ގާއިމުކުރުމަށްޓަކައި އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި އޮނިގަނޑެއް ހުށައަޅައި ބިނާކުރުމުގެ މަސައްކަތްތައް ފެށުމަށް އެ ގައުމުން ތައްޔާރުކަމަށެވެ. ނަމަވެސް ޔޫކްރެއިންއިން އެއްބަސްވެފައިވާ 30 ދުވަހަށް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އެ ގައުމުން އިޖާބަ ދީފައިނުވެއެވެ. ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވަނީ އެ ގައުމުގެ ހުށައެޅުމާއި ޔޫކްރެއިންއިން އަސްކަރީ ހަރަކާތްތައް ހުއްޓާލުމާއި ގުޅުންތަކެއް ހުރިކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ.
ޔޫރަޕުގެ ލީޑަރުންވަނީ ޕުޓިންގެ މައްޗަށް ގަސްތުގައި ސުލްހައިގެ މަސައްކަތްތައް ލަސްކުރަމުންދިއުމުގެ ތުހުމަތުކޮށްފައެވެ. އަދި އެކަން ކުރައްވަމުންދަނީ ހަނގުރާމަ މެދުވެރިކޮށް ޔޫކްރެއިންގެ ސަރަހައްދީ އިމުން އިތުރު ބައެއް ހޯދުންކަމަށްވެސް ބުނެފައިވެއެވެ.

