ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް އަންނާނެ ޤާނޫނެއްކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން އެފަދައިން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމާއި، ބިލުގެ މުހިންމު މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިޙްސާން ވިދާޅުވީ، އެންމެ ފުރަތަމަ ގޭންގް ކުށްތަކާ ބެހޭ ބިލެއް ވުޖޫދުވެގެން އައީ ކޮންމެ އަހަރަކު ގޭންގް މާރާމާރީތައް އިތުރުވެ، މީހުން މަރުވުން ފަދަ ޙާދިސާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި، ނަމަވެސް 2010 ވަނަ އަހަރު ވުޖޫދުވި އެ ޤާނޫނާއެކުވެސް އެކަށީގެންވާ ރަނގަޅު ޙައްލެއް ނާންނަ ކަމަށެވެ.
ގޭންގްތައް ވީ އިތުރު، ގޭންގްތަކުގައި ހިމެނޭ މީހުން ވީ އިތުރު، ގޭންގްތަކުން ހިންގާ ކުށުގެ ޙަރަކާތްތަކާ ރައްޔިތުންނަށް ލިބެމުން ދިޔަ ގެއްލުންތައް ވީ އިތުރު ، ކުށުގެ މާހައުލު ދިޔައީ ބޮޑުވަމުން، މިފަދަ ޙާލަތެއްގައި އޮއްވައި، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ
މިނިސްޓަރ ވިދާޅުވީ، އެފަދަ ޙާލަތެއްގައި ޤައުމު އޮއްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މި މައްސަލަ ޙައްލު ކުރެއްވުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ. އެގޮތުން ދާޚިލީ ވަޒީރުކަމުގެ ޒިންމާ ޙަވާލުކުރެއްވިއިރުވެސް ރައީސް އިސްކަމެއް ދެއްވައިގެން ޙަވާލު ކުރެއްވި 3 މަސްއޫލިއްޔަތެއް އޮތްކަމަށް އިޙްސާން ވިދާޅުވިއެވެ.
އެއީ ޑްރަގް މައްސަލަ ޙައްލު ކުރުމާއި، ގޭންގްތައް ހަދައިގެން ކުށް ކުރުމުގެ މާހައުލު ނައްތާލުމާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކޮށްދިނުންކަން ފާހަގަ ކުރައްވައި އިޙްސާން ވިދާޅުވީ، މިކަންކަން ޙައްލުކުރުމަށް ދައުލަތް އޭގެ ޒާތުގައި ތަރުތީބުވާ ގޮތްވެސް ބަދަލުވާން ޖެހޭނެކަމަށެވެ. އަދި އެއަށްފަހު، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ބާރުތައް ލިބިދޭން ޖެހޭކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، އެއާއެކު ރައީސް ވަގުތުން ވަގުތަށް އެ މަގުތައް ފަހިކޮށްދެއްވުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ. މިއަދު ފެނިގެންދަނީ ޤައުމު ދެކެ ލޯބިވާ ވެރިއަކު، އެ ބަދަލުތައް ގެންނެވި މަންޒަރުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ޤާނޫނަކީ ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް އަންނާނެ ޤާނޫނެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވަނީ މިހާރު ވުޖޫދުވި އައު ޤާނޫނާއެކު ގޭންގް ކުށްތަކަށް ޙައްލު އަންނާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ޤާނޫނާއެކު، ގޭންގުތަކަކީ ކޮބައިކަން މާނަކޮށްދެވިފައިވާ ކަމަށާއި، އަދަބުތައްވެސް ސާފުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅޭ މައްސަލަތަކަށްވެސް މި ޤާނޫނާއެކު އެކަށީގެންވާ ޙައްލުތަކެއް އަންނާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ގޭންގު ލީޑަރުންނާއި މެމްބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާއަކުން ވަކިކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ގޮތަށް ސަރުކާރުން ފަރުމާ ކުރި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ފާސްކޮށް ތަސްދީޤު ކޮށްފައިވާއިރު، ގޭންގުގެ ސިފަތައްކަމަށް މި ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް ގޯޅިއެއް، އަދި ޕާކެއް ފަދަ ސަރަހައްދަކީ އެފަރާތެއްގެ ތަނެއްކަމަށް ބެލެވޭ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އަދި ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ.

