ފަލަސްތީނުގެ ރައްޔިތުންނަށްވަނީ އަނިޔާވެރި ހާލަތެއް ކުރިމަތިވެފައިކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވެއްޖެއެވެ.
ބަނޑުހައިހޫނުކަން ކުރިމަތިވެ ޣައްޒާއިން ގިނަ އަދަދެއްގެ މީހުން މަރުވުމުގެ ފުރުސަތު އޮތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާއިރު ގުޓޭރެޒްވެސް ވަނީ އެ ސަރަހައްދަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ހަނގުރާމައިގެ ތެރެއިން ކަންކަން ގޯސްވަމުންގޮސް މިހާތަނަށް ކުރިމަތިވި އެންމެ ދަތި އަނިޔާވެރި ހާލަތާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާކަމަށް ބުނެފައިވެއެވެ. އޭނާވެސް ވަނީ އެ ސަރަހައްދުގެ ރައްޔިތުން ބަނޑަށް ޖެހުމުގެ ފުރުސަތު އޮތްކަން ތަކުރާރުކުރައްވާފައެވެ.
އޭނާ ވިދާޅުވީ އިސްރާއީލުން އެ ސަރަހައްދަށް މުދާ ވެއްދުން ހުއްޓުވާލާފައިވާތާ 80 ދުވަސްވެފައިވާކަމަށާއި އެ ސަރަހައްދުގައި އިންސާނީ ހާލަތު އޮތް ގޮތް ކުށްވެރިކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ވަކި ސަރަހައްދެއް ނެތި ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަވެސްވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިލާންޖެހިފައިކަމަށެވެ.
މިފަހުން އިސްރާއީލުން އެ ސަރަހައްދަށް މަދު އުޅަނދުތަކެއް ވައްދާފައިވާއިރު ގުޓޭރެޒްވަނީ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދިގެންދާނެ މިންވަރު ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެހީތެރިކަން ބޭނުންވެފައިވާ މިންވަރާއި ބަލާއިރު މިހާތަނަށް ވައްދާފައިވަނީ ކޯވަރެއްގެ މިންވަރުކަމަށް ބުނެފައިވެއެވެ. އ
އޭނާ ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އަނިޔާވެރިކަމަށް ބުނެވޭ މިންވަރަށް މީހުން މަރުވެގެން ގޮސްފައިވާކަމަށެވެ. އަދި އެ ހާލަތުގައި އޮތްއިރު އިންސާނީ އެހީތެރިކަން ފޯރުކޯށްދޭ ޖަމާއަތްތަކަށްވެސް ވާނުވާގައި ތިބެން ޖެހިފައިވާކަމަށާއި ޣައްޒާގެ 80 އިންސަތައް އޮތީ އިސްރާއީލުގެ ބެލުމުގެ ދަށުގައި އޮތް މިލިޓަރީ ޒޯނެއް ނޫނީ ހުސްކުރަން އަންގާފައިވާ ސަރަހައްދެއްގެ ގޮތުގައިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
ގުޓޭރެޒް ވިދާޅުވީ، އަވަސް އިތުބާރު ހިފޭ ދެމެހެއްޓިނިވި ގޮތެއްގެ މަތިން އެ ސަރަހައްދަށް އެހީ ނުފޯރުވޭނަމަ އިތުރު ގިނަ ބަޔަކު ނިޔާވެގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަލަސްތީނުގެ އާބާދީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެފައިވެއެވެ.

