ހުޅުމާލޭގެ މާސްޓަރޕްލޭނަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ އިތުރަށް ބިންހިއްކުމާ ގުޅިގެން ބަނދަރުގެ ޖާގަ ކުޑަވެ، އޭގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ އައު މާސްޓަރޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހުޅުމާލޭގެ ފުރަތަމަ މާސްޓަރޕްލޭން އެކުލަވާލުމުގައި 24 އަހަރު ކުރިން އިސްކޮށް މަސައްކަތްކުރެއްވި މައުރޫފް ވިދާޅުވީ، ”ކޮންމެ މާސްޓަރޕްލޭނަކީ ވެސް ޒަމާނާއި ތަރައްގީއާ އެއްގޮތަށް ސްޓްރަކްޗަރޑް ގޮތަކަށް ބަދަލުވަމުން އަންނަންޖެހޭނެ އެއްޗެއް“ ކަމަށެވެ.
މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާސްޓަރޕްލޭނަކީ އަބަދުވެސް އެއްގޮތަކަށް ހުންނަންޖެހޭ އެއްޗެއް ނޫނެވެ. އަދި ހުޅުމާލޭގެ މިހާރުގެ މާސްޓަރޕްލޭނަށް ބަލާއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީން މިހާރު އަމާޒު ހިފާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް މަދުނުވާނެ ގޮތަށް، ބަނދަރުގެ ޖާގަ ވީހާވެސް ބޮޑުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އައު މާސްޓަރޕްލޭން އެކުލަވާލާފައިވަނީ ބަނދަރުގެ ޖާގަ އިތުރުކުރެވޭނެ ގޮތަށް ރޭވިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މާސްޓަރޕްލޭން ފައިނަލްކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއަދު އިފްތިތާހުކުރެވުނު އެޗްޑީސީގެ އައު ވެބްސައިޓާއެކު ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

