ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމާ ގުޅިގެން އެ ފްލައިޓް އިމަޖެންސީކޮށް ޑައިވާޓްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 މޭ 20 ވަނަ ދުވަހު، ޔުނައިޓެޑް އެއާލައިންސްގެ ބޮއިންގ 777 މަތިންދާބޯޓެއްގައި، ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އޭންޖަލަސްއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ބޮމެއް އޮތް ކަމުގެ އިންޒާރު ދީފައިވަނީ އެ ފްލައިޓުގެ ފާޚާނާގެ ލޯގަނޑުގައި އޮތް ލިޔުމެއް މެދުވެރިކޮށެވެ. މި އިންޒާރާ ގުޅިގެން ފްލައިޓް އިމަޖެންސީކޮށް އަނބުރާ ހޮނޮލޫލޫއަށް ޖައްސާފައިވާ ކަމަށާއި، އޭގެ ފަހުން ނައިބު ރައީސް އެހެން ފްލައިޓެއްގައި ލޮސް އޭންޖަލަސްއަށް ވަޑައިގެންފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޔުނައިޓެޑް އެއާލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގި މަތިންދާބޯޓުގައި 339 ފަސިންޖަރުންނާއި 10 ކްރޫ މެންބަރުން ތިބިއިރު، އެ ފްލައިޓް ރައްކާތެރިކަމާއެކު ހޮނޮލޫލޫއަށް އަނބުރާ ޖައްސާފައިވެއެވެ. ނައިބު ރައީސް އެ ދަތުރުފުޅުގައި ވަޑައިގެންނެވީ، އެމެރިކާގެ ޓެކްނޮލޮޖީގެ އާލާތްތަކާ ބެހޭ ޖަމްޢިއްޔާއެއް ކަމަށްވާ ބްލޫ ޕްލެނެޓް އެލެޔަންސްގެ ދަޢުވަތަކަށް ހަވާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާފައި އަނބުރާ ރާއްޖެއަށް ވަޑައިގަތުމުގެ ތެރޭގައެވެ.
މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން އަދި ރަސްމީ ނޫސްބަޔާނެއް ނެރެފައި ނުވިނަމަވެސް، މި މައްސަލަ އެމެރިކާގެ ފެޑެރަލް ތަޙުޤީޤީ އިދާރާ (އެފްބީއައި) އިން ތަޙުޤީޤު ކުރަމުންދާ ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވެއެވެ.

