އަދުލު އިންސާފުގެ ވާހަކަ ދައްކަން އެމްޑީޕީން މިއަދު ލަދު ގަންނަން ޖެހޭ ކަމަށާއި ވާހަަފުޅުދައްކަވަނީ ”ފެކްޓާއި“ އެކު ކަމަށް ރައްޔިތުންގެ މަޖިލީގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ޒަރީރު ވިދާޅުވީ އެމްޑީޕީން މިއަދު ޖުޑިޝަރީގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށާއި ހުރިހާ ފެކްޓެއް އަދި ހެއްކެއްވެސް ހުރީ ލޮލަށް ފެންނަން ކަމަށެވެ. ދެވަނަ ކަމަކަށް އެމްޑީޕީން އިގްތިސޯދުގެ ވާހަކަ ދައްކާއިރު މިގައުމުގެ އިގްތިސޯދަށް އެންމެ ހަރުދަނާ އެސެޓެއްވެސް ގެނެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. ނުވަތަ އިންކަމް ޖެނެރޭޓު ކުރެވޭނެ އެންމެ ކެޕިޓަލް އިންވެސްޓްމެންޓެއްވެސް އޮތްތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.
ޒަރީރު ވިދާޅުވީ އެމްޑީޕީން ކުރިހާވެސް ކަމަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. ދެންވެސް އާމްދަނީ އިތުރުކުރަން ކުރެއްވި ކަމަކީ ޓެކްސް ބޮޑު ކުރުން ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
”ކޮބާހޭ އިންކަމް ޖެނެރޭޓް ކުރުމަށްޓަކައި ގެނައި އެންމެ ކެޕިޓަލް އިންވެސްޓްމެންޓެއްވެސް. 124 ބިލިއަނުން ގައުމު ދަރުވާލިއިރުގައި. ނިމިދިޔަ 40 އަހަރުގައި ރާއްޖޭގެ ދަރަނި މިއޮތީ ގާތްގަނޑަކަށް 56 ބިލިއަނުގައި. އޮތް ދަރަނި 5 އަހަރުގެ ތެރޭގައި ރެކޯޑު އަދަަކަށް 124 ބިލިއަން. 5 އަހަރުގެ ތަފާތު އެބަ އާދޭ، 67 ބިލިއަން އެންމެ 5 އަހަރު“
އިގްތިސާދީ އޮޑި އެމްޑީޕީގެ ދައުރުގައި ވަކި ހިސާބަކުން އޮތީ އިންޖީނު ހުއްޓިފައި ކަމަށާއި އެހާލުގައިވެސް ދުއްވަން އުޅުމުން ލިބުނު ނަތީޖާއަކީ ގައުމު އެތައް ބިލިއަނަކުން ދެރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ގައުމު ކޮޅަށް ޖެހީ ރައީސް މުއިއްޒު ކަމަށާއި، އެމަނިކުފާނުގެ ހިކުމަތްތެރިކަމުން ކަމަށް މެމްބަރު ޒަރީރު ވިދާޅުވިއެވެ.

