އިސްރަށްވެހިންނަށް އަމާޒުކޮށްގެން، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ މި ސެޝަން އޮންނާނީ މާދަމާ ހަވީރު 4:00 އިން 5:30 އަށް އިސްރަށްވެހިން ނާދީގައެވެ.
މި ސެޝަންގައި އާއިލީ ގުޅުންތައް ގާއިމުކުރުމުގެ މުހިންމުކަމާއި، އިޖުތިމާއީ ކަންކަމުގައި އެންމެންގެ ބައިވެރިވުމުގެ މުހިންމުކަން އަދި މުއާމަލާތްކުރުމުގައި އަނެކާ ބުނާ ބަސްތަކަށް ކަނުލައި އަޑުއެހުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.
މިފަދަ ސެޝަންތަކަކީ އައު ކަމެއް ނޫން ކަމަށާއި، މިދިޔަ އަހަރުވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ އިސްރަށްވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ.

