ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ބައްލަވާލެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ފުވައްމުލައް ސިޓީއަށް ވަޑައިނަވައިފިއެވެ.
އެކަމަނާ ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމާއިއެކު، ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤާއި. ޑެޕިއުޓީ މޭޔަރ މުހައްމަދު ފިކުރީ އާއި ސިޓީ ކައުންސިލްގެ މެމްބަރުން މަރުހަބާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައިވަނީ، މިނިސްޓަރު މާރިޔާގެ އަރިހުގައި ޖާޕާނުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، އިޝިގަމީ ރުމިކޯ އަދި ޔޫއެންޑީޕީގެ ބޭފުޅުން ބައިވެރިވެވަޑައިނެވި ކަމަށެވެ.
މި ދަތުރުފުޅަކީ، ޖަޕާންގެ ސަރުކާރާއި ގުޅިގެން މިނިސްޓްރީން ފުވައްމަލައް ސިޓިގައި ކުރިއަސް ގެންދާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި، މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ފުވައްމަލައް ސިޓީގެ ދަނޑުވެރިކަމަށް 2022 ވަނަ އަހަރު ޕްރޮޖެކްޓެއް ހިންގައިފައިވެއެވެ. އެއީ، ދަނޑުވެރިކަމަށް ހާއްސަ ލެބޯޓަރީއެއް ގާއިމުކުރުމުގެ ޕްރޮޖެކްޓްއެވެ. މި ޕްރޮޖެކްޓަކީ ޖަޕާންގެ ސަރުކާރުގެ އެހީގައި ހިންގި ޕްރޮޖެކްޓަކަށް ވާއިރު، މި ޕްރޮޖެކްޓުގެ ސަބަބުން ފަހުގެ އެނަލިލިސްއާއި ގަސްގަހާގެހި ގެނެގަތުމާއި ގަސްގަހާގެހީގެ ކަލްޗަރ ހެދުމުގެ ގާބިލުކަން ލިބިގެންދިޔައެވެ.

