ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ފަރާތަކަށް ދޫކޮށްފިއެވެ.
މި ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހުއްދަ ދޫކުރުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ ފަރާތަށް ދޫކޮށްފައިވަނީ ޓިއަރ 1 ބޭންކެއް އުފެއްދުމުގެ ހުއްދައެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދެ ފަރާތުން ބޭންކިންގ ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަކުރުމުން، ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަވެސް ދޫކުރެވޭނެއެވެ.
މި ހުއްދަތައް ދޫކުރުމުގެ މުހިންމުކަން ފާހަގަކުރަމުން އެމްއެމްއޭއިން ބުނެފައިވަނީ، މިއީ މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދެވޭ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
މި ދެ އައު ބޭންކުގެ ޚިދުމަތް ފެށުމުން ރާއްޖޭގެ ބޭންކިންގ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

