މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ރޭގައި ފެނުމުން މިއަަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން މިހާރު ވަނީ ފުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ދެ ފްލައިޓެއްގެ ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެީންގެ ކަންކަން ފަސޭޙަކުރުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ ހުރިހައި އިދާރާތަކެއް ގުޅިގެން ޙައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމު އަންނަކަމަށާއި މި ކަންކަމުގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ޙައްޖުވެެރީންނަށް މި އަހަރު ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާން ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގައި ވެސް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވާނެކަމަށެވެ.
މީގެ އިތުރަށް ދިވެހި ޙައްޖުވެރީންނަށް ޓަކައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށާއި، ޙައްޖުވެރިއަކަށް އުނދަގޫ ޙާލަތެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

