ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައުޝާދުގެ މަރު: ޝަރީއަތުގެ އެންގުންތަކަށް ޕީޖީން ތަބާނުވުމުން ގާޒީގެ ނުރުހުން

ނައުޝާދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމެވެ.

އޭގެ ކުރިން ގާޒީ ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެކެވިފައިވާ ވާހަކައާ ގުޅޭގޮތުން ދައުލަތާ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭރު ގާޒީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފުލުހުން ހަދަން ޖެހޭ އުސޫލެއް ހަދާފައިނުވާތީ އެކަމާމެދު ޕީޖީން މިހާތަނަށް އަމަލުކޮށްފައިވާ ގޮތް ސާފުކުރަން ދައުލަތަށް ދަންނަވާފައެވެ. އަދި ޕީޖީގެ ޒިންމާގެ މަތިން ފުލުހުންނަށް އެކަމުގައި އިރުޝާދެއް ދީފައިވޭތޯ ބެލުމަށްފަހު އެކަން އެންގުމަށް 5 ދުވަހުގެ މުއްދަތެއް އޭރު ދެއްވިއެވެ.

އެހެންނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް ޕީޖީ އޮފީހުން އެއްވެސް ކަމެއް ކޯޓަށް އަންގާފައިނުވެއެވެ. އެހެންކަމުން ބުދަ ދުވަހުގެ މި އަޑުއެހުމުގައި ގާޒީ ވަނީ އެކަމާމެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ޝަރީއަތުން ވަކި ގޮތަކަށް އަމަލު ކުރުމަށް އެންގުމުން އެކަމަށް ބޯލަނބަން ޖެހޭނެކަން ގާޒީ ހަނދުމަކޮށްދެއްވިއެވެ.

އެއަށްފަހު ކުރިއަށް ދިޔައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތް ނިންމުމެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވަނީ މައިގަނޑު 2 ކަމެކެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ދައުލަތުގެ ހެކި ހިމާޔަތް ކުރުމާ ގުޅޭ ހުށަހެޅުމަކާއި، ފައިހުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

އެކަމާ ގުޅޭގޮތުން ގޮތް ނިންމަވަމުން ގާޒީ ވަނީ ދައުލަތުގެ ސިއްރު ހެކިން ހިމާޔަތް ކުރެވޭނެ ގޮތަށް އަޑު ބަދަލުކޮށްގެން އޯޑިއޯގެ ޒަރިއްޔާއިން ހެކިބަސް ނެގުމަށް ނިންމަވާފައެވެ. އަދި ދިފާއުން ހުށަހަޅާފައިވާ 1 ހެއްކެއް ފިޔަވައި ދެން ތިބި ހެކިތައް ބަލައިގަތުމަށް ގާޒީ ނިންމެވިއެވެ.

މީގެ އިތުރުން، މި މައްސަލައަކީ މައުޟޫއީ ގޮތުން ބެލޭނެ މައްސަލައެއްކަމަށްވެސް ގާޒީ ކަނޑައެޅުއްވިއެވެ. ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި، އިފްތިތާޙީ ބަޔާން ހުށަހެޅުމާއި ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި ކުރިއަށް ގެންދަވާނީ ”ކޮންޓިނިއަސް ހިއަރިންގ“ ތަކެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ކޮސްމެޓިކްސް ވިއްކާ ފިހާރައަކަށް ވަދެ ޒަހަމްކޮށް މަރާލާފައިވަނީ އުމުރުން 30 އަހަރުގެ އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ މުހައްމަދު އަހްމަދުދީދި (ނައުޝާދު) އެވެ.

ފިހާރަތެރެއަށް ވަދެ އެމީހާގެ ބޮލަށާއި، ކަރު، މޭމަތި، ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: