ވައްމުލަކުގެ އެކި އުފެއްދުންތައް ވިއްކުމަށް ”އޮތެންޓިކް ފުވައްމުލަކު“ ގެ ނަމުގައި ޝޯވްރޫމެއް އަންނަ މަހު ހުޅުވުމަށް ނިންމާފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވި ގޮތުގައި، މި ވަގުތު ފުވައްމުލަކުގެ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކެވެ. އެގޮތުން 2.6 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތޮށިލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތުގެ އަމަލީ މަރުހަލާ ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ކޮންޓްރެކްޓް 2023 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރެވި، އެކަމަށް ބޭނުންވާ ބިންވެސް ދޫކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ކައުންސިލުން ސީދާ ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ފުވައްމުލަކު އުފެއްދުންތައް ވިއްކަން ހުޅުވާލެވޭ ޝޯވްރޫމެއް، އޮތެންޓިކް ފުވައްމުލައް، އެތަން އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ ތެރޭގައި ހުޅުވިގެން ދާނެ،“ މޭޔަރު ވިދާޅުވިއެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކައުންސިލުން ދެމުންގެންދާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މިހާރު ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް ހުޅުވާފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށްޓަކައި ކައުންސިލްގެ 95 އިންސައްތަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، ”އަފުން ސިޓީ ޕޯޓަލް“ ގެ ނަމުގައި ޕޯޓަލެއް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު މައްސަލަތައް ރިޕޯޓުކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

