މިނިސްޓްރީ އޮފް ޔޫތް އެންޑް އެމްޕަވަރމަންޓުން ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި އެވޯޑަކީ މުޖުތަމައުގެ އަހުލުވެރިންގެ ދިރިއުޅުމުގެ ހާލަތު އެކި ގޮތްގޮތުން ރަނގަޅުކުރުމަށް ހިލޭސާބަހަށް މަސައްކަތްކޮށް، ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާތަކަށް ދެވޭ އެވޯޑެކެވެ. އަދި މި އިނާމު ދިނުމުން، އެ ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި އެވޯޑު ލިބޭ ޖަމްއިއްޔާތަކަށް ޚާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކަށް 2025 ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދެވިފައިވެއެވެ.
އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mvމެދުވެރިކޮށް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. ފުރިހަމަކުރެވިފައިވާ ފޯމު ސޯޝަލް ސެންޓަރުގައިވާ މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުމުގެ އިތުރުން، މިނިސްޓްރީގެ އީމެއިލް ce@youth.gov.mvމެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

