”ވާނުވާ“ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށް ފަހު ޝަރުތުތަކާއެކު ދޫކުރަން ފަށައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަަމަށެވެ. އަދި މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެކުރިން ރައްޔިތުންނާއިއެކު ޕޮޑްކާސްޓްގައިވެސް ރައީސް ވަނީ ”ވާނުވާ“ ބަންދާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ އެކަމުގައި ދިމާވާ މައްސަލައަކީ ހުކުމަކަށް ނުގޮސް ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބަޔަކު ތިބުންކަމަށެވެ. ނަމަވެސް އެމީހުންނަކީ ރަސްމީގޮތުން ކުށްވެރިންގެ ގޮތުގައި ކަނޑައެޅިފައިވާ ބައެއް ނޫންކަމަށާއި ޝަރީއަތްކުރާއިރު ކުށްވެރިއެއްތޯ ކަނޑައެޅުމުގެ މަރުހަލާގައި އޮތްނަމަވެސް ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅިގެންދާނީ މައްސަލަ ސާބިތުވުމުންކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކިކަހަލަ ތުހުމަތުތަކުގައި މީހުން ހައްޔަރުކޮށްފައި 300 ވަރަކަށް މީހުން ބަންދުގައި ތިބިކަމަށެވެ. އެގޮތުން ބަންދުގައި 6 ވަރަކަށް އަހަރު ވެފައިވާ މީހުންވެސް ތިބިކަމަށާއި އެގޮތުން ގޮސް އެކި މުއްދަތުތަކުގައި ބަންދުގައި ތިބުން ތަހައްމަލުކުރަމުންދާ މީހުން ތިބިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ތިބެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރު އެކި ސަރުކާރުތަކުގެ ދައުރުގައިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް މައުލޫމާތު ދެއްވިއެވެ.
”ވާނުވާ“ ބަންދުގެ މައްސަލައަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ޝަރީއަތް ނިމޭނެ ނުވަތަ ފެށޭނެ ދުވަހެއްވެސް ނޭންގޭ އެތައް މައްސަލަތަކެއް ހުރި އިރު ބަންދުގައި ތިބޭމީހުންނަކީ ކުށް ނުކުރާ މީޙެއްގެ ގޮތުގައިވެސް މައްސަލަ ނިމޭ މީހުންނެވެ. އެހެންކަމުން އެކަމަށް ހައްލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. އަދި މި މައްސަލައަށް ހައްލު ގެނައުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު އެއް ސިޔާސަތުވެސް މެއެވެ.

