ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު ދޫކުރުމާ ގުޅޭ އަޑުއެހުންތައް މިއަދުވެސް ކުރިއަށް!

ޕީޖީ އޮފީސް/ފޮޓޯ: އެމްވީޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްސަ ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށެވެ. މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަރކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެއެވެ. މި އެސެސްމަންޓަކީ ޕީޖީ އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާނެ އެސެސްމަންޓެކެވެ.

އެހެންކަމުން އެސެސްމަންޓުތައް ޕީޖީ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. 

އެގޮތުން ބަލާއިރު، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވެއެވެ. އަދި އިތުރު 5 މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކުުރެވިފައިވެއެވެ. 

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދު ކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް މި އޮފީހުން ދެކެމެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ އޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުމެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް ޕީޖީ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން  ލުއި ދެވޭނީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައެވެ.

މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދެވޭނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެއެވެ. 

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު  ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހުގެ ”އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު“ އިން ހުށަހެޅިދާނެއެވެ. ނުވަތަ އެ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ބަންދުގައިވާ މީހާގެ ވަކީލަށް އެކަމާ ގުޅޭ ހުށަހެޅުން އެ އޮފީހަށް ހުށަހެޅިދާނެއެވެ. 

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގު އެޅުވުމަށްފަހު ގޭބަންދަށް ބަދަލުކުރެވިދާނެ މީހުން ބެލުމަށް ޕީޖީ އޭޖީ އަދި ފުލުހުންނަށް އަންގަވާފައިވާކަމަށާއި ނަމަވެސް އޭގެ ތެރޭގައި ޖިންސީ އެއްވެސް ކުށެއްގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެކިކަހަލަ ތުހުމަތުތަކުގައި މީހުން ހައްޔަރުކޮށްފައި 300 ވަރަކަށް މީހުން ބަންދުގައި ތިބިކަމަށެވެ. އެގޮތުން ބަންދުގައި 6 ވަރަކަށް އަހަރު ވެފައިވާ މީހުންވެސް ތިބިކަމަށާއި އެގޮތުން ގޮސް އެކި މުއްދަތުތަކުގައި ބަންދުގައި ތިބުން ތަހައްމަލުކުރަމުންދާ މީހުން ތިބިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ތިބެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރު އެކި ސަރުކާރުތަކުގެ ދައުރުގައިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ނިޒާމުގެ އިސްލާހަށް މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެކަމަށާއި މިކަމުގައި ހައްލެ ގެނައުމަށް މަސައްކަތްކުރާއިރު ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަންވެސް ހުރިކަމަށެވެ. އެހެންކަމުން ކްރިމަނަލް ކޯޓަށް 11 ކޯޓް ރޫމް ހިމެނޭ އިމާރާތެއް ރަނގަޅު ފެންވަރުގައި ބިނާކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށާއި އެތަނުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަން ނިމޭއިރު ކޯޓަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުންވެސް ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ، އެކަން ހަމަޖެހެންދެންވެސް ކުރެވިދާނެ ކަންކަން ބެލުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި ޕީޖީ އަދި އޭޖީ އޮފީހާއި ގުޅިގެން އެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ޓެރަރިޒަމް އަދި މާރާމާރީއާއި ގޭންގު ކުށްތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންވެސް ތިބިކަމަށެވެ. ނަމަވެސް މޮނީޓަރ ކޮށްގެން ގޭބަންދަށް ދޫކޮށްލުމަށް ބަލާއިރުވެސް ޖިންސީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭކަމަށާއި ތިންބައި ކުޅަ އެއްބައި މީހުން ޓެގު އެޅުވޭނެތޯ ބެލުމަށް ފުލުހުންނާއި އޭޖީ އަދި ޕީޖީ އޮފިހާއި މަސައްކަތްތައް ހަވާލުކޮށްފައިވާނެކަމަށް ހިއްސާކުރެއްވިއެވެ. އަދި ކަފާލާތުގެ ނިޒާމުގެ ތެރެއިންވެސް މިފަދަ ފަރާތްތަކަށް ލުއިތަކެއް ގެނެސްދެވޭނެ އިންތިޒާމުތަކާއިމެދު މަޝްވަރާތައް ކުރެވެމުންދާކަން އެމަނިކުފާނުވަނީ މި ފުރުސަތުގައި ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: