މިހާތަނަށް ބަޖެޓުން ހަރަދުކުރެވިފައިވަނީ 13.75 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާގޮތުން މިހާތަނަށް ބަޖެޓުން ބޭނުންކޮށްފައިވަނީ ހަރަދުކުރުމަށްޓަކައި ފާސްކޮށްފައިވާ އަދަދުގެ 27.95 އިންސައްތައެވެ. އަދި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އަންދާޒާކޮށްފައިވާ އަދަދުގެ 39.30 އިންސައްތަކަންވެސް ފެނިގެންދެއެވެ.
ފިނޭންސްއިން ބުނެފައިވާގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.85 ބިލިއަން ރުފިޔާކަމަށެވެ. މީގެ ތެރެއިން 11.55 ބިލިއަނަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.20 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖުމުލައިގެ ތެރެއިން ރިކަރެންޓު ހަރަދުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 12.35 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދަކީ 1.40 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ނިޔަލަށް ލޯނު ދެއްކުމުގެ ގޮތުން 2.52 ބިލިއަން ހަރަދުކޮށްފައިވާއިރު އެސްޑީއެފްއަށްވެސް 793.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ދިނުމުގެ ގޮތުން މި މުއްދަތުގެ ނިޔަލަށް 4.82 ބިލިއަން ހަރަދުކޮށްފައިވާއިރު އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް 7.52 ބިލިއަން ހަރަދުކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 1.42 ބިލިއަން ރުފިޔާއެވެ.

