މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުގައި އިއްޔެ އޮޕަރޭޝަނެއް ހިންގައިފައިވާކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މާލޭ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 25 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ހަތަރު ފުޅި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއި އެ މީހުން އަމިއްލައަށް އުފައްދާފައިވާ ކަމަށް ބެލެވޭ ބަނގުރާ އަޅާފައިހުރި ބާލިދީތަކެއް ވެސް ފެނުނު ކަމަށް ފުލުހުން ފާހަގަކުރިއެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، 37 އަހަރުގެ ޝަރިފް އުއްދީނާއި އިންޑިއާގެ ރައްޔިތެއް ކަމަށްވާ، 24 އަހަރުގެ މަނިމަރަން ރަވީޗަންދްރަންއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

