ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ސައްހަ ލިޔެކިޔުންތައް ނެތި ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ 2025 މެއި 28 ވަނަ ދުވަހުގެ ރޭގައެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ވަނީ އަތުލައިގަނެވިފައެވެ.
އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، މިފަދަ އޮޕަރޭޝަންތައް ހިންގަމުންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައެވެ. މި ގޮތުން، ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އިތުރުން، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށްދާކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން މިހާރު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، އަންނަ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

