އަންނަ ޖޫން މަހުން ފެށިގެން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް 2000 ރުފިޔާ ކަވަރ ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން ކޮންމެ ދެ އަހަަރަކުން އެއް އަހަރު، އާސަންސައިން އައިނު ހެއްދުމަށް 2000 ރުފިޔާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމަށެވެ.
ބޭސް ލިބުމުގައި ރައްޔިތުންނަށް މިފަހުން ދިމާވި އެކި ގޮންޖެހުންތަކާއި އުނދަގޫތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް ވުރެ ފަސޭހަކޮށް، ދަތިތަކާއި ނުލައި ބޭސް ލިބޭނެ ގޮތް ހަމަޖައްސަވާފައިވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ބޭހެއް ވެސް ހުސްނުވާނެ އަދަދަށް ލިބެމުންދާނެކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަން ދެއްވާކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތައް އިތުރު ކުރުން ހިމެނޭ ގޮތަށް އެޅި ފިޔަވަޅުތައް ހިމެނެ އެވެ.
ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކާ ދޭ 1000 ރުފިޔާ 2000 ރުފިޔާއަށް ބޮޑު ކުރެވިގެންދާނެ
މިހާރު އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަމުން ދަނީ 1،000 ރުފިޔާ އެވެ. އަދި އާންމުކޮށް އަހަރަކު އެއްފަހަރު އައިނު ބަދަލު ކުރަން ޖެހޭއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.
މިކަން ހައްލުކޮށް އާސަންދައިން ދޭ އަދަދު ބޮޑު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

