ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައި ވާތީ، އެތަނުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ ”ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން“ އަށް ބަދަލު ގެނެސް، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައި ވާތީ، އެ ޕްލޭނަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައި ވާތީ، އައު ލޮޓް ނަންބަރެއް ކަނޑައެޅޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިއުލާނުގައި ވަނީ މި ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތާއި، މިހާތަނަށް ގުޅިފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ކުރިޔަށް ގެންދާނީ މިއަދުގެ މެންދުރު 14:30 އިން ފެށިގެން އުސްފަސްގަނޑުގައި ކަމަށެވެ.
މިނިސްޓްރީން ވަނީ ގުޅިފަޅުން ދޫކުރާ ގޯތީގެ އަދަދާއި، ބޮޑު މިނުގެ ތަފްސީލުތައް ވެސް އާންމުކޮށްފަ އެވެ.
– އޭގެ ތެރޭގައި ހިމެނެނީ:-
- 1250 އަކަފޫޓުގެ 684 ގޯތި
- 1650 އަކަފޫޓުގެ 1242 ގޯތި
- 2050 އަކަފޫޓުގެ 923 ގޯތި
- 2450 އަކަފޫޓުގެ 479 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 22 ގޯތި
މިނިސްޓްރީން ބުނިގޮތުގައި ގޯތި ލިބޭ ފަރާތްތަކަށް ލިބިގެން ދާ، ޕްލޮޓުގެ ގުރު ނެގުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެކަމަށް ހާއްސަކޮށްފައިވާ ތަނުގެ މުވައްޒަފުންނެވެ.
އެހެންކަމުން މިއަދުގެ 14:30 އިން ފެށިގެން ގުޅިފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެ އެވެ.
މީގެއިތުރުން ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޒިރުވާ ނަމަ، ބިން ލިބޭ މީހެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ބަދަލުގައި ޙާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ބޭނުން ވާނެ އެވެ.
މިނިސްޓްރީން ބުނީ ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި ވަގުތުން އެސްއެމްއެސްގެ މެސެޖެއް ލިބޭނެއެވެ.
ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާނު ކުރީ، އެމްޑީޕީގެ ސަރުކާރުގައި 24 އޮގަސްޓް 2023 ގައެވެ. ނަމަވެސް އޭރު އެކުލަވާލި ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުނަންޖެހޭ މުހިންމު ބައިތަކެއް ނެތުމުން، މި ސަރުކާރުން އައު ޕްލޭނެއް އެކުލަވާލީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅިފަޅުގެ މަޝްރޫއުގެ ދަށުން އިތުރު 85 ހެކްޓަރު ހިއްކުމަށް ނިންމާފަ އެވެ.

