ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އެކު ފަހުމުނާމާއެއްގައި ކަރެކްޝަނަލް ސާވިސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި، ކަރެކްޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އަދި އައްޑޫ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ، މޭޔަރ އަލީ ނިޒާރެވެ.
މި ބައްދަލުވުވުމުގައި ދެ މުވައްސަސާގެ އިސްވެރިން ބައިވެރިވެ، މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.
އައްޑޫ ކައުންސިލާއި، ކަރެކްޝަން ދެމެދު ގާއިމު ކުރި މި ފަހުމުނާމާއަކީ، ގާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައިވާ ”ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު“ ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޒު ކުރުމުގައި އަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ގަވައިދަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެ ގަވައިދުގައި ބަޔާން ކުރަނީ ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަވިސްއިން ޢަމަލުކުރާނެ ގޮތެވެ.
މި އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ގައިދީ ވަކި ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެ ނޫން ޕްރޮގްރާމެއްގައި ވެސް ބައިވެރިކުރުމަށް އަމުރު ކުރާ ހާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އެހީތެރިކަން ދިނުން ހިމެނެ އެވެ. އަދި މުޖުތަމައުއަށް ހިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި ޖަމިއްޔާތަކުން ނުވަތަ ދާއިރާތަކުގެ މަޢުލޫމާތު ހޯދާ ކަރެކްޝަނަށް ހިއްސާކުރުން ހިމެނެވެ.
މީގެ އިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒު ކުރުމުގެ މުއްދަތުގައި، ގައިދީން މުޖުތަމައުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމައަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމައުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ވަނީ ހިމަނާފަ އެވެ.

