އަމިއްލަ ކުންފުންޏަކަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ.
ސެންޓަރ އެންޓަޕްރައިސިސް ނަމަކަށް ކިޔާ އެ ކުންފުންޏަށް ދައުލަތުން ދައްކަން ޖެހޭ އަދަދެއްކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ 32 މިލިއަން ރުފިޔާ އެވެ.
މިއީ އެ ކުންފުނިން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށް ވާ 32.7 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެ ކުންފުން ކުރި ދައުވައެކެވެ. ކުންފުނިން ފައިސާ ހޯދުމަށް ހުށަހަޅާފައި ވަނީ، އެންވައިރޮމެންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދިންކަމަށް ބުނާ ކަޅު ހަންތަކާއި ގުޅޭ މައްސަލައަކާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސްއަށް ސަޕްލައި ކުރިކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓުތަކާއި ގުޅޭ ދެ މައްސަލަ އެކެވެ.
މި މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، ކުންފުނިން ހުށަހަޅާފައިވާ އިންވޮއިސްގައި ބަޔާން ކުރާ މުދަލުގެ އަގުކަމަށް ހުށަހަޅާފައިވާ އަދަދު ދޭން ޖެހޭ ފައިސާކަން ސާބިތުވާކަމަށެވެ. އެ ހުކުމް ދައުވަލަތުން ސިވިލް ކޯޓުގައި އިސްތިއުނާފުކޮށް އެދިފައި ވަނީ، އެ ނިންމުން ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށެވެ.
ދައުލަތުން އެދުނު ގޮތަށް އެ އަމުރު ނެރެދީ ހައިކޯޓުން ހުކުމްކޮށްފައި ވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެން ދެން ސިވިލް ކޯޓުގެ ނިންމުމުގައިވާ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ބެހެއްޓުމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ވަގުތީ އަމުރެއް ނެރުނުއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސެންޓަރ އެންޓަޕްރައިސިސް ކުންފުންޏާއި ގުޅޭ މައްސަލައެއްވެސް ފެންމަތިކޮށްފަ އެވެ. ސިވިލް ކޯޓަށް ފޭކް އިންވޮއިސްތަކެއް ހުށަހެޅި މައްސަލަ ދައުލަތުން ފުލުހަށް ހުށަހަޅާފައި ވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުވަލާލި ރިޕޯޓުތަކުން އެކަން ހާމަވުމުންނެވެ.
އޭޖީ އޮފީހުން ސުވާލު އުފައްދާފައި ވަނީ، ދައުލަތާއި އެ ކުންފުންޏާއި ދެމެދު ކުރިކަމަށް ބުނާ މުއާމަލާތް ހިންގާފައިވާކަން ސާބިތު ކުރުމަށް ހުށަހެޅި ލިޔެކިއުންތަކާއި މެދު އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އޭޖީ އޮފީހުން ބުނެފައި ވަނީ ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދުނު ކަމަށެވެ.
އޭޖީ އޮފީހުން ބުނީ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރުކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އެ އޮޑިޓުގައި ފާހަގަކުރެވުނު ކަންކަންހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ލިބިފައިވާކަމަށް ވަނީ ބުނެފަ އެވެ.
މައްސަލައިގައި އޮޑިޓަރ ޖެނެރަލް ލަފާ ދީފައި ވަނީ، ޖިނާއީ ތަހުގީގެއް ކަމާއި ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށެވެ.
އެހެން ނަމަވެސް މި މައްސަލައިގައި އެ ކުންފުނިން ބުނާ ގޮތުގައި ދައުލަތުން ވަނީ، އެ ކުންފުނިން ދައުވާ ކުރި މައްސަލައިގެ ލިޔެކިއުންތައް ވަނީ ސިއްރުކޮށްފަ އެވެ. އެއީ އެ ފައިސާ ދައްކަން ޖެހޭކަމަށް ދައުލަތުން ގަބޫލު ކުރާތީކަމަށް ވެސް ކުންފުނިން ބުނެފައި ވެއެވެ.

