މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 11.9 އިންސަައްތަ އައިސްފައި ވަނީ ޗައިނާ މާކެޓުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ މޭ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 954،335 ފަތުރުވެރިން އައިސްފައިވެއެވެ.
މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް، އައި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.1 އިންސައްތައިގެ އިތުރުވުމެއްކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ، 882،702 ފަތުރުވެރިނެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން، 71.4 އިންސައްތަ އައިސްފައި ވަނީ ރިސޯޓުތަކަށެވެ. 23.2 އިންސައްތަ ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު، 2.9 އިންސައްތަ ގޮސްފައިވަނީ ހޮޓެލްތަކަށެވެ.
މީގެކުރިން ގިނަ އަދަދެއްގެ ފަތުރުންވެރިން އަންނަކަން ފާހަގަކުރެވޭ، އިންޑިއާގެ މާކެޓް 6 ވަނައިގައި އޮތްއިރު، 1 ވާނައިގައި އޮތީ ޗައިނާ މާކެޓުކަން ފާހަގަކުރެވެއެވެ. 2 ވަނައަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާ މާކެޓްކަމަށްވާއިރު، 3 ވަނައިގައި އޮތީ ޔޫކޭ މާކެޓެވެ.
މި އަހަރުގެ ތެރޭގައި ފްރާންސް، ޔޫއެސްއޭ އަދި އޮސްޓްރޭލިއާގެ މާކެޓުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އައިސްފައި އެވެ.

