ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސްވެރިކަމުގެ ސިނާއަތާއި މެދު ގެންގުޅުއްވާ ސިޔާސަތުތަކަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ޕްރޮމޯޓްކުރާ އަދި ބާނާ މަހުގެ ކޮލެޓީ ހިފައްޓާ، ހަރުދަނާ ސިޔާސަތުތަކެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްގެންދިޔަ ލައިވްސް އެންޑް ލައިވްލީހުޑް ނޮލެޖް ހިއްސާކުރުމުގެ ޕެނަލް ޑިސްކަޝަންގައެވެ. މިއަހަރުގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާ ބާއްވަފައި ވަނީ މެއި މަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އަލްޖީރިއާގައެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ބޮޑު ބައެއް ހިއްސާ ކުރާ ކުދި މަސްވެރި ވިޔަފާރިތައް ހިންގަމުން މިދަނީ ގޮންޖެހުން ބޮޑު ދަތި މާހައުލެއްގައިކަމަށެވެ. އުޅަނދުގެ މެއިންޓެނަންސަށް ކުރާ ހޭދަ ބޮޑުވުމާއި، ކެޕިޓަލް ހަރަދުބޮޑުވުމާ ތެލުގެ އަގު ބޮޑުވުމާ އައިސް ސަޕްލައި ކުރުމަކީ ޑިމާންޑު ބޮޑު ހަރަދު ބޮޑުވެސް ކަމެއް ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މި ހުރިހާ ދަތިތަކަކަށް އައިއެސްޑީބީ އާއި އެލްއެލްއެފްގެ ސަބަބުން ހައްލު ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޝިޔާމް އަލިއަޅުއްވާލައްވާފައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ.
ލައިވްސް އެންޑް ލައިވްލީހުޑް ފަންޑްގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމާމެދު ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅި ލާމެހިގެންކަމަށާއި، ސަރުކާރުގެ މި ސިޔާސަތުތަކަކީ އީޖާދީ ހައްލުތަކާއި، ޒަމާނީ ފަހުގެ ޓެކްނޮލޮޖީ ޕްރޮމޯޓްކުރާ އަދި ބާނާ މަހުގެ ކޮލެޓީ ހިފައްޓާ، އުޅަނދު ފަހަރުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވާނެ ސިޔާސަތުތަކެއްކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ބާނާ މަހުން ތަކެތި ތައްޔާރުކުރުމުގައި އަންހެނުން އިސްދައުރެއް އަދާކުރާކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ފިރިހެނުންގެ ބައިވެރިވުން ބޮޑު ނަމަވެސް، މަހުން އުފައްދާ ތަކެތި އުފެއްދުމުގައި އަންހެނުންގެ ދައުރު ފުޅާވަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަމުގެ އިޤްތިޞާދުގައި އަންހެނުންގެ ހިއްސާ އިތުރުވަމުން އަންނަ ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިންވެސް ދަނީ މި ފަންޑުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ލޮނުފެން ފިނިކުރެވޭނެ ނިޒާމް ގާއިމް ކުރުމާއި ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ބިނާކޮށް ކަރަންޓް ސަޕްލައިތައް ހަދައިދީގެން ރާއްޖޭގެ މަސްވެރި އުޅަނދުތައް އަޕްސްކޭލް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަކީވެސް މި ފަންޑުގެދަށުން ކުރިއަށްގެންދާ މަސައްކަތްތަކެވެ. އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީގެ ދެވަނަ ފިޔަވަހީ ތައާރަފްކުރި ފަހުން 59 އެޕްލިކޭޝަން ލިބިފައިވާއިރު، ފާސްކޮށްފައިވާ 21 އެޕްލިކޭޝަންގެ ތެރެއިން 14 އެޕްލިކޭޝަންގެ ފައިނޭންސް މިހާރު ވަނީ ދޫކޮށްފައެވެ.

