ދުންފަތާގުޅޭ ފިޔަވަޅުތަކަކީ ކަމެއް މަނާކުރުމަށް އެޅި ފިޔަވަޅުތަކެއް ކަމުގައި ނުދެކި، އެއީ ސިއްޙީގޮތުން އެޅި ހެޔޮ ފިޔަވަޅެއްކަމުގައި ދެކުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް އެފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ސިއްޙީގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަބަދުވެސް ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ، 2024 ވަނަ އަހަރު ވޭޕް މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި، އޭގެ ފަހުން ޖެނެރޭޝަނަލް ބޭން ގެނައުމަށް ޤާނޫނަށް ގެނައި އިސްލާޙަކީވެސް އެ މަސައްކަތުގެ ދަށުން ކުރެވެމުންދާ ކަންކަން ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ފިޔަވަޅުތަކަކީ ޒުވާން މުޖުތަމައު ދުންފަތުގެ ވަބާއިން ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ އެ ފިޔަވަޅުތަކަކީ ކަމެއް ހުއްޓުވުމަށް ނުވަތަ މަނާ ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ނުދެކުމަށްވެސް އެދިވަޑައިގެންފައެވެ. އޭގެ ބަދަލުގައި އެއީ ސިއްޙީގޮތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް އެޅުއްވި ފިޔަވަޅުތަކެއްގެ ގޮތުގައި ދެކުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވާ މަސަތްކަތްޕުޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސްވެސް ވަނީ ތައުރީފު ކުރައްވާފައެވެ.
ރައީސްގެ ލީޑާޝިޕުގައި ދުންފަތާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލަށް އުފެދެމުން އަންނަ ދުންފަތުގެ އުފެއްދުންތައް މަނާކުރުމާއި، ދުންފަތް ބޭނުންކުރުން މަނާ ތަންތަން އިތުރުކުރުއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ކޮންޓުރޯލުކުރުމުގެ ގާނޫނަށް ގެންނެވި އިސްލާހުތަކުގެ ތެރެއިން އީ-ސިނގިރެޓާއި ވޭޕުގެ ބާވަތްތައް މަނާކުރެއްވުމާއި، ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް މަތިކުރެއްވުމާއި، ދުންފަތް އިސްތިހާރުކުރުން މަނާކުރެއްވުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުސް ބޮޑުކުރުން ހިމެނޭކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ޓެޑްރޯސް ފާހަގަކުރެއްވީ ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ސިސޭޝަން ކްލިނުކުތައް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ގާއިމުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތަކީވެސް ދުންފަތުން ދިވެހިން ސަލާމަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މިހުރިހާ ފިޔަވަޅުތަކަކީ ދިވެހިން ދުންފަތުން ދުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅުތަކަކަށްވުމުގެ އިތުރަށް އެއީ ދުންފަތުން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް ހިތްވަރު ލިބޭ، އުންމީދު އައުކޮށްދޭ ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ވިއްކުން މަނާކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މަރުހަބާ ކިޔާފައިވެއެވެ. އަދި އެއާއެކު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރެވޭނެކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

