ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި އައިނު ހައްދައިދިނުމުގެ ވިޔަފާރި ފެއްޓެވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް ވިދާޅުވީ، އައިނު ހެއްދުމަށްޓަކައި އާސަންދައިން ދޭ އަދަދު އިތުރު ކުރެއްވީ ރިޔާސީ އިންތިޚާބުގައި އެކަމަށް އެތައް ބަޔަކު އެދެމުންދިއުމުގެ ސަބަބުން ކަމަށެވެ. އަދި އެގޮތަށް ނިންމެވި ނަމަވެސް އެކަމުގެ ނާޖާއިޒް މަންފާ އެއްވެސް ވިޔަފާރިއަކުން ނެގުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި އައިނު ދޫކުރުމުގެ ވިޔަފާރި ފައްޓަވާނެ ކަމަށާއި، އެކަމާ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިވެރިން ކިތަންމެ ނުރުހުނަސް ފަރުވާލެއް ނެތް ކަމަށެވެ. އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ހުއްޓުވާލުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޖެއްސި އަގު، 1000ން 2000ށް ހެދީމާ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނޯންނާނެ، އައިޖީއެމްއެޗްގައި އަޅުގަނޑުމެން އައިނުގެ ބިޒްނަސް ފަށާނަން، ދެން ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް. އަޅުގަނޑަށް މުހިއްމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ހުއްޓުވާލަން، އެހެންވެ ދެންނެވީ ސިނގިރޭޓު ވިޔަފާރިކުރާ މީހުންވެސް އެ ވިޔަފާރި ދޫކުރައްވާ އެހެންކަމަކަށް ވަޑައިގަންނަވާށޭ
ރައީސް ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގައި މި މަސައްކަތް ކުރާ ކުންފުނިތަކުންވެސް ރަނގަޅު ފެންވަރުގައި ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.
އަންނަ ޖޫން މަހުން ފެށިގެން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް 2000 ރުފިޔާ ކަވަރ ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތްތައް އިތުރު ކުރުން ހިމެނޭ ގޮތަށް އެޅި ފިޔަވަޅުތައް ހިމެނެ އެވެ.
މިހާރު އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަމުން ދަނީ 1،000 ރުފިޔާ އެވެ. އަދި އާންމުކޮށް އަހަރަކު އެއްފަހަރު އައިނު ބަދަލު ކުރަން ޖެހޭއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.
މިކަން ހައްލުކޮށް އާސަންދައިން ދޭ އަދަދު ބޮޑު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

