އަސާސީ ހައްގުތަށް ރައްޔިތުންނަށް ކަށަވަރުކޮށް ދީ އެމްޑީޕީން ރާއްޖެއަށް ގެނައި ކުރިއެރުންތައް މަތީން ހަނދާން ނައްތާލައިގެން ނުވާނެކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ދުވަސްތަކަކަށް ފަހު އެމްޑީޕީގެ ހަރުގޭގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ޝިފާޒް ފާހަގަކުރެއްވީ، އެމްޑީޕީ އުފެދިގެން އައި ގޮތާއި މިދިޔަ 20 އަހަރުގެ ތެރޭގައި ޕާޓީ ކުރިމަތިލާން ޖެހުނު ދަތިތަކެވެ. ހާއްސަކޮށް ޕާޓީގެ މަސައްކަތްތައް ފެށިގެން އައި ދުވަސް ވަރަކީ ޝިފާޒް ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ ނޫން އެހެން މީޑިއާއެއް ނެތް ޒަމާނެކެވެ. އެހެންވެ ރައްޔިތުންނަށް އެނގެނީ ހަމައެކަނި، އޭރުގެ ސަރުކާރުން ފޮނުވަމުން ދިޔަ ހަބަރާއި ރިޕޯޓުތައްކަމަށް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އަސާސީ ހައްގުތަކަކީ ކޮބައިކަމާއި، ތިމާ ދިރިއުޅޭ ރަށުގައި ރަނގަޅު ބޯފެނުގެ ނިޒާމެއް އޮންނަން ޖެހޭކަން ވެސް ރައްޔިތުންނަށް ކުރިން ނޭނގޭ ކަމަށެވެ. އަދި ބޭސްފަރުވާގެ ދަތިތަކަށް ސަލާން ޖެހުން ނޫން ގޮތެއް ނެތްކަމަށް ރައްޔިތުން ދެކިގެން ތިބި އިރު، ދަރިފުޅުގެ ސްކޫލަށް ބޭނުންވާ ތަކެތި ހަމަކުރުމަށް ލިސްޓެއް ހިފައިގެން ވެސް އުޅެން ޖެހުނީ ހަމަ އެފަދަ ހާލަތެއްގައިކަމަށް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީ އެންމެ ފުރަތަމަ ވެސް ފެށީ، އެ ދަތިތައް ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމާއި ރަށަށް އަރައި ފޭބުމުން ފެށިގެން ރަނގަޅު ސިއްހީ ނިޒާމެއް އޮންނަން ޖެހޭނެކަމަށް ބުނެ ދިނީ އެމްޑީޕީކަމަށް ވިދާޅުވި އެވެ.
އެތައް އަހަރެއްގެ މަސައްތުން އެމްޑީޕީ ރާއްޖެއަށް ގެނައި ޑިމޮކްރަސީއަކީ ޝިފާޒް ވިދާޅުވި ގޮތުގައި، ރައްޔިތުން އޭގެ މަތީން ހަނދާން ނައްތާލައިގެން ވާނެ ކުރިއެރުމެއް ނޫނެވެ. އޭގެ ސަބަބެއްކަމަށް ޝިފާޒް ވިދާޅުވީ މީގެ ކުރީގައި ނަޖިސް ފެނުން ފެންވަރަން ޖެހުނުކަމާއި، ބޯން ހުރީ ރަނގަޅު ފެނެއް ނޫންކަން އަދި އާސަންދައިގެ ނިޒާމެއް އައި ގޮތް ވިސްނުމަށް ނުގެނެވުމެވެ.
މިއަދު އަޅުގަނޑުމެންނަށް 20 އަހަރުވާން ކައިރިވީއިރުގައި… ވަރަށް ގިނަ ކަންކަމުން އަރައިގަނެވިއްޖެ.. އެ އަރައިގަތްގަތުމަށް އަޅުގަނޑުމެން އެހެން ނަމަވެސް ކަންނެއް ވެއްޖެ.. މިއީ ވަރަށް ބޮޑު ނުރައްކަލެއް.. އަޅުގަނޑުމެން ކަންނެއްވީ އަޅުގަނޑުމެންނަށް ހިލޭ ބޭސްފަރުވާ ލިބޭތީ އޭ.. އަޅުގަނޑުމެން ހިލޭ ޑިގްރީއާއި ހިސާބަށް ކިޔެވޭތީވެ.. ނަޖިސް ފެނުން ފެންވަރަން ނުޖެހޭތީވެ.. ރަށުގައި ހުރެގެން ޖީބަށް ޑޮލަރު ވަންނާނެ ގޮތް އޮތީމަ..
ޝިފާޒް ވިދާޅުވީ ބަދަލުވެ ކުރިއަރަމުން އަންނަނީ އެމްޑީޕީން ރާއްޖެއަށް ގެނައި ނިޒާމުތައް ކަމަށެވެ. އެގޮތުން ފޮތް ލިސްޓަށް ސަލާން ޖަހަން ނުޖެހޭ ނިޒާމާއި އެކު މިހާރު އޮތީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުކަން ފާހަގަކުރެއްވި އެވެ. އަދި ލޯކަލް ޓޫރިޒަމަށް އައި ބަދަލާއި އެކު ރަށުގައި ހުރެގެން ޖީބަށް ޑޮލަރު ވަންނާނެކަމަށް ޝިފާޒް ވިދާޅުވި އެވެ.
މީގެއިތުރުން ޝިފާޒް ވަނީ ހާލަތަށް އަންނަ ބަދަލުތައް ވެސް ފާހަގަކުރައްވާފަ އެވެ. ޝިފާޒް ވިދާޅުވީ ސަރުކާރުތަކުން ރައްޔިތުންނަށް އަޅާލުމުގެ ބަދަލުގައި ފެންނަނީ ދޭން ޖެހޭ ފައިސާ ވެސް ނުދީ ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ. ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައި ވީ ނަމަވެސް އެކަންކަން ހައްލު ކުރުމަށް، އަމަލީ ގޮތުން ކުރެވޭ އެއްވެސް މަސައްކަތެއް ނެތްކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ.

