ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ-ޔޫކޭ ޑަޔަލޮގްގައި އެފްޓީއޭގެ ވާހަކަ އުނިކުރި ސަބަބު ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި ފްރީ ޓްރޭޑް އެގްރީމަންޓުގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ހާމަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި މަސްވެރިންނާއި މަސްވެރި ސިނާއަތުގެ މުސްތަޤުބަލު ރަނގަޅުކުރުމަށް ފެށި އެންމެ މުހިއްމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އޭރު ކުރެވުނު މަސައްކަތުން 2020 ވަނަ އަހަރު ޑިއުޓީ 24 އިންސައްތައިން 20 އިންސައްތައަށް ކުޑަވެގެންދިޔަކަންވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރީމަންޓެއް ހަދަންވެސް ދެ ޤައުމުން އެއްބަސްވެ، މަސައްކަތްވެސް އޮތީ ފަށާފައެވެ. އެގޮތުން ފުރަތަމަ މަޝްވަރާތައް ނިމި، އިނިގިރޭސިވިލާތުގެ ސަރުކާރުން ވަނީ މި އެފްޓީއޭއާ ގުޅޭގޮތުން އެ ޤައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް 8 ޖޫން 2023 ގައި ހުޅުވާލާފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ވެރިކަމުގެ ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ 2025 ގައި މި އެގްރީމަންޓް ތަންފީޒުކުރުމަށްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ދެކޭގޮތުގައި މި އެގްރީމަންޓަކީ މަސްވެރި ސިނާއަތަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެކެވެ. އެގޮތުން ރާއްޖެއިން ވެލިއުއެޑްކޮށްގެން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ދަޅުމަސްކަމަށްވާއިރު، އޭގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައިން އެކްސްޕޯޓް ކުރެވެނީ އިނގިރޭސިވިލާތަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކަންއެހެން އޮތުމާއެކު، އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓް ޑިއުޓީ 0 އިންސައްތައަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، އެއާއެކު މަސްވެރިން އަތުން ގަންނަ މަހުގެ އަގުވެސް މަތިވެގެންދާނެކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީން ބުނީ، އެ އުއްމީދުގައި ރައްޔިތުން ތިއްބައި މިދިޔަ ހަފްތާގައި ބޭއްވި މޯލްޑިވްސް ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި އެ އެފްޓީއޭގެ ވާހަކަ ހިމަނާފައިނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މިއީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް އެމްޑީޕީން ވަނީ މި ޑައިލޮގްގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއިއެކު އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމީ ކަންބޮޑުވާކަމެއް ކަމަށެވެ.

މީގެ އިތުރުން، ރައީސް ސާލިޙްގެ ސަރުކާރުން ކުރިމަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށްނަގަމުންއައި ޑިއުޓީ %24 އިން %20 އަށް 2020 ގައި ތިރިކުރުމަށްފަހު، އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ޤައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިފައިވާއިރު، މިފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: