މި އަހަރުގެ ބޮޑު އީދަށް ރާއްޖެތެރޭ 65 ރަށެއްގައި އީދު ބޮކި ދިއްލާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އާދަމް ޝަރީފު އުމަރު ހާމަކުރައްވައިފިއެވެ.
އެކްސް ޕްލެޓްފޯމުގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިދިޔަ އަހަރު 29 ރަށަކަށް އީދު ލައިޓު ފޮނުވައިފައިވާއިރު، މި އަހަރު އިތުރު 36 ރަށަކަށް ލައިޓު ފޮނުވައި، މިހާރު ވަނީ ކައުންސިލުތަކާ ހަވާލުކޮށްފައި ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ ދެގުނައަށްވުރެ ގިނަ ރަށްތަކެއްގައި އީދު ބޮކި ދިއްލުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ހެއްކެކެވެ.
”އީދު އަލީ“ ގެ ޝިއާރުގެ ދަށުން މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖެތެރޭގެ ގިނަ ރަށްތަކެއްގައި އީދު ބޮކިތައް ދިއްލައިފައިވާކަން ފާހަގަކުރެވެއެވެ. މިނިސްޓަރު ޝަރީފު އިތުރަށް ވިދާޅުވެފައިވަނީ، އީދު ފާހަގަކުރުމުގައި އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އީދު ފާހަގަކުރުމަށް އިލްތިޒާމްވާ ކަމަށެވެ.
އިސްލާމީ އީދުތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުލަގަދަކޮށް ފާހަގަކުރަން އެންމެ ފުރަތަމަ ފެށިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ މޭޔަރުކަމުގެ މަގާމު އަދާކުރެއްވި ދުވަސްވަރުގައެވެ. އޭގެފަހުން މި ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދަނީ ފުރިހަމަ ތަރުހީބެކެވެ.
މި އަހަރުގެ ބޮޑު އީދަށް ރާއްޖެތެރޭގެ މިހާ ގިނަ ރަށްތަކެއްގައި އީދު ބޮކި ދިއްލުމަށް ހަމަޖެހިފައިވުމާއެކު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފާވެރި އީދެއް ފާހަގަކުރުމަށް ލިބިގެންދާނެ ހިތްވަރެއް ކަމުގައި ބެލެވެއެވެ.

