ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފި!

ފުލުހުންގެ އަސާސީ ތަމްރީނުގެ 39 ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.

ފުލުހުންގެ 39 ވަނަ ބެޗް ދަސްވެނިވެ، ހިނގާލުމުގެ ރަސްމިއްޔާތު ބޭއްވިގެންދިޔައީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ. އެގޮތުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙުމާން އާއި ކޮލެޖުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްވެރިންނާއި  ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނަ ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްލިސް އިސްމާއީލް ނަވީންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް ފެށިގެންދިޔައީ މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. އެގޮތުން، މި ބެޗުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހުސައިން ތައިމްއެވެ.

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހަކީ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހަކަށްވާއިރު، މި ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވެފައިވެއެވެ. އެއީ، 48 އަންހެން ފުލުހުންނާއި 162 ފިިރިހެން ފުލުހުންނެވެ. އެގޮތުން، މި ކޯހުގައި ކަނޑައަޅާފައިވާ މިންގަނޑަށް 196 ފުލުހުން ފާސްވެ، ކާމިޔާބުކަމާއި ތަމްރީނު ކޯސް ފުރިހަމަކޮށްފައިވެއެވެ.

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނީންގެ ތެރޭގައި ޕީއެޗްޑީ ހާސިލުކޮށްފައިވާ ފުލުހެއްވެސް ހިމެނެއެވެ. މިއީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހެއްގައި  ޕީއެޗްޑީ ހާސިލުކޮށްފައިވާ ދަރިވަރަކު ފުރިހަމަ ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ފުލުހުހަކަށްވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނުޏީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި ހުނަރާއި އިލްމުގެ އިތުރުން މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން، މި ކޯހުގައި ދީނީ ކަންކަމަށް މަތިކޮށް، އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޯދް އޮފް ކޮންޑަކްޓައި ކޯޑް އޮފް އެތިކްސް ފަދަ މުހިންމު ބައިތަކަށް މި ތަމްރީނު ކޯހުގެ ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: