ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ހަތަރު މީހަކަށް ކުރަނީ ސިޔާސީ ތުހުމަތުތަކެއްކަމަށް އެމްޑީޕީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ބައެއް ހިމަނައި، ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާފައިވާ މައްސަލައެއްގައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފޮނުވާފަ އެވެ.
ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ޕްލޭނިން އެންޑް ހައުސިންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އޭރު ހުރި ފޮނުވާފައިވަނީ، މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްގެ އިތުރުން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދުހެ އިތުރުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
މައްސަލައިގައި ނޫސްބަޔާނެއްގައި އެމްޑީޕީން ބުނީ އޭސީސީން ޕީޖީއަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަތައް ފޮނުވީ އެއްވެސް ހެއްކެއް ނުދައްކައި، ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށެވެ.
ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށްކަން އެމްޑީޕީން ފާހަގަކުރިއެވެ. މީގެއިތުރުން އެމްޑީޕީން ބުނީ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.
އެ މީހުންގެ މައްޗަށް އުފުލަން އެދިފައިވަނީ ރަސްމއީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. އެމްޑީޕީން ތުހުމަތުކުރަނީ އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން އެ ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.

