ރާއްޖޭގެ މޫސުމާބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް ގެ ފެންވަރަށް އަޕްގުރޭޑް ކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމާ ގުޅިގެން ހިންގޭ ޕުރޮޖެކްޓް ގެ އަމަލީމަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑުއަދި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ ގެދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 2025 ޖޫން 3 ވަނަ ދުވަހު މަސައްކަތު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއީ 4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ ޕުރޮޖެކްޓެކެވެ. މި ޕުރޮޖެކްޓްގެ ދަށުން ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ 4 މެޓް އޮފީހުގައި ބެހެއްޓިފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވި އިތުރު މެޓް އޮފީހެއް ނ.މާފަރުގައި ޤާއިމު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން އައްޑޫސިޓީ ގަމުގައި ޤާއިމުކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށޭނެއެވެ. އަދި މޫސުމާބެހޭ ވިއުގަ ރަނގަޅުފެންވަރުގައި ދެމެހެޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕުރޮގްރާމުތައްވެސް މި ޕުރޮޖެކްޓްގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މީގެ ސަބަބުން ރާއްޖޭގެ މޫސުންބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާއިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މުސުމާބެހޭ މަޢުލޫމާތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުވެގެންދާނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމު ގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓް އާއި ރީޖަލަނަލް މަލްޓި ހަޒާޑް އާލީވޯނިންސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ އަދި ރާއްޖޭ ކަމާގުޅުންހުރި ބައެއް މުވައްސަސާތައް ހިމެނޭހެން 40 ބޭފުޅުން ބައިވެރިވިއެވެ.

