ވިލިމާލޭ ގައި ޗައިނާ ސަރުކާރުގެ އެހީގެދަށުން އަޅާ ހޮސްޕިޓަލު ވެގެންދާނީ ގްރޭޓާ މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށްދޭނެ މަޝްރޫއަކަށްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލު އެޅުމާ ގުޅޭ ޑިޒައިނިންގ މަރުޙަލާ ފެށުމަށް ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މި މުޅި މަޝްރޫއާ ގުޅޭ މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ޗައިނާއާ އެކު ކުރިއަށް ގެންދާ 3 މަޝްރޫއުވެސް ވީހާވެސް އަވަހަށް ނިންމުމަށް ދިވެހި ސަރުކާރުން ޗައިނާ ސަރުކާރާއެކު މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މި ހޮސްޕިޓަލުގެ މަސައްކަތާއި، މާލޭ މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، 50 ކައުންސިލު އިމާރަތް ހެދުމުގެ މަޝްރޫއެވެ. މިއީ ހައްތަހާވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫއުތަކެވެ.
އޭގެ ތެރެއިންވެސް އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ހޮސްޕިޓަލާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ވަކިން ޚާއްސަކޮށް މިއީ ކުރިއަށް އޮތް ތަނުގައި ގުޅިފަޅު ފަދަ ތަންތަނުގައި މީހުން އާބާދުވާންވާއިރު، މި މުޅި ސަރަޙައްދަށްވެސް އޭގެ ފައިދާ ކުރާނެ ހޮސްޕިޓަލަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ޗައިނާގެ ޓީމުގެ ފަރާތުން ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން މަސައްކަތް ކުރުމެވެ.

