ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ)އިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ، ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމުގެ އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސް މަގާމުގައި ހުންނަވާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝިޔާމްއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާކަމަށް ޔޫއެންޑީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައިވެސް ޔޫއެންޑީޕީއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއިއެކު، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ޔޫއެންޑީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ފާހަގަކުރައްވާ މަސްވެރިކަމުގެ ދާއިރާ އާއި ކުރިއަށް ހުރި މަސައްކަތްތަކުގައި ކާމިޔާބީ ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޔޫއެންޑީޕީގެ ރެޒިޑެންޓް ވިދާޅުވިއެވެ.
ޔޫއެންޑީޕީއާއި ދިވެހިރާއްޖެއާއި ގުޅިގެން މަސައްކަތްކުރަމުންދާތާ 45 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ގުޅުމުގެ ދަށުން ދިވެހިރާއްޖޭގެ އިކޯސިސްޓަމްތައް ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި މަސްވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ”މޯލްޑިވްސް ރެސިލިއަންޓް ރީފް އިކޯ ސިސްޓަމް އެންޑު އިކޮނޮމީސް ފޯދަ ފިއުޗާ(އާރުއީއެފް) ޕްރޮޖެކްޓް ފަދަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

