އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި އޭނާގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަވާ މަޝްހޫރު ބިލިއަނަރު އީލަން މަސްކު ދެމެދު މައްސަލަތައް އުފެދި އެކަކު އަނެކާއަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ދާދި ފަހުން އުފެދިގެންދިޔަ މައްސަލަތަކަކާއި ގުޅިގެން ޓްރަމްޕު އަދި މަސްކުވެސްވަނީ އެކްސް ފަދަ ސޯޝަލްމީޑިއާ ޕްލެޓުފޯމްތައް މެދުވެރިކޮށް އެކަކު އަނެކާއަށް ގެއްލުންތަކެއް ވެގެންދާފަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މިގޮތުން 2024 ވަނަ އަހަރު އިންތިހާބުވެގެން އައިކަމަަށްޓަކައި ޓްރަމްޕުގެ ފަރާތުން ޝުކުރުވެރިކަމެއް ފެނިގެން ނުދާކަމަށް ދޭހަކޮށް މަސްކު ވާހަކަތައް އާންމުކޮށްފައިވާއިރު ވެރިކަމުން ދުރުކުރުމަށް ގޮވާލާ ފަރާތްތަކާއި އެއްބަސްވެވޭކަމަށްވެސް އިޝާރާތްތަކެއް ކޮށްފައިވެއެވެ. މީގެ އިތުރުން މަސްކުވަނީ މުޅި ދުނިޔެ ސިއްސުވާލި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރިންގެއްގެ ވެރިޔާކަމަށްބުނާ އެޕްސްޓީންއާއި ޓްރަމްޕާއި ދެމެދު ގުޅުންތަކެއްވާކަމުގެ ތުހުމަތުތައްވެސް ފެންމަތިކޮށްފައެވެ.
ރައީސް އޮފީހުގައި މީޑިއާތަކަށް ދެއްވި ބަޔާނެއްގައި ޓްރަމްޕު ވިދާޅުވީ، މަސްކުގެ އަމަލުތަކާއިމެދު ހިތާމަކުރައްވާކަމަށެވެ. އަދި އޭނާގެ ތަސައްވުރު ފުރުހަމަކުރުމަށްޓަކައި ގާނޫނީގޮތުން ގެނައުމަށް ކަނޑައެޅިފައިވާ ބަދަލުތަކާއިމެދު އީލަން ފާޑުކިޔަމުންދާކަމަށްވެސް އިޝާރާތްކުރެއްވިއެވެ. ޓްރަމްޕުވަނީ އީލަން ކުއްލި ގޮތެއްގައި ބުއްދި ހަމަނުޖެހޭ ގޮތަކަށް އަމަލުކުރަމުންދާކަމަށް ފާހަގަކުރައްވާފައެވެ.
އީލަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނިގޮތުން އެޕްސްޓީންއާއި ގުޅުން އޮތް މީހުންގެ ތެރޭގައި ޓްރަމްޕުވެސް ހިމެނެއެވެ. މިއީ އާންމުކޮށްވެސް އެނގެން އޮތް މައުލޫމާތުތަކެއްކަމަށްވީނަމަވެސް އެކަމުގެ ސަބަބުން ޓްރަމްޕުވެސް ތުހުމަތުކުރެވޭ ފަދަ އަމަލުތަކެއްގައި ޝާމިލުވެފައިވާކަމާއިމެދު އަނެއްކާވެސް ސުވާލުތައް އުފެދިފައިވެއެވެ. އޭނާ ބުނެފައިވާގޮތުން މިހާރު އޮތް ސަރުކާރުން އެ މައްސަލައިގެ ހަގީގަތްތައް އާންމުކޮށްފައިނުވަނީ ޓްރަމްޕަށްވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮތުމުންނެވެ.

