އީދު ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދިޔަ ”އީދު ބޮނޑިބަތް“ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އަޟްހާ އީދުގެ މުނާސަބާގައި ދިރާގުން ”އީދު ބޮނޑިބަތް“ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިޔައީ ހެނދުނުގެ ވަގުތުގައި އީދު ނަމާދަށް ފަހުއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލެއާއި ހުޅުމާލޭގައިކަމަށްވާއިރު އެޗްޑީސީން ވެސް މި މަސައްކަތްތަކުގައި ޝާމިލުވެފައިވެއެވެ.
މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ދިރާގަށް އެއްބާރުލުން ދީފައިވަނީ ސިޓީ ކައުންސިލުންނެވެ.
ދިރާގުން ބުނެފައިވާގޮތުން މި ހަރަކާތަށް މި އަހަރުވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވުމާއިމެދު އުފާކުރާކަމަށެވެ.
ދިރާގުންވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލުތަކާއި ޒުވާނުންގެ ޖަމިއްޔާތަކާއި ގުޅިގެން އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ އެކި ހަރަކާތްތަކަށް އެއްބާރުލުން ދީފައިކަން ފާހަގަކޮށްލެވެއެވެ.

