ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ ރަނގަޅަށް ނުހިނގަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ގާބިލު މީހުންނަށް މަސައްކަތްނުކުރެވޭތީ: ޝިފާޒް

އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޝިފާޒް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުންދަނީ ސިޔާސީ ނުފޫޒުގެ ސަބަބުން އެ ކުންފުނީގައި ތިބި ޓެކްނިކަލް ގާބިލު މުއައްޒަފުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުންކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ކަރަންޓު ވިއުގައިގެ މައްސަލަތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، މައްސަލަތައް ހައްލުކުރުމަށްޓަކައި ތަންދޮރު ދަންނަ ދާއިރާގެ ބޭފުޅުންނާއި މަސައްކަތްތައް ހަވާލުކުރުން މުހިންމުކަމަށެވެ. އަދި ސިޔާސީ ވިސްނުމެއްގައި މީހުންނަށް ވަޒީފާދޭއިރު ސިޔާސީ މަގާމުތަކަށް އައްޔަނުކުރުން ވަރިހަމަ ނަމަވެސް ޓެކްނިކަލް ކަންކަން ހިންގާ ކުންފުނިތަކަށް އެ ވިސްނުމުގައި މީހުން އައްޔަނުކުރުން ރަނގަޅުކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާކަމަށް އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، ސްޓެލްކޯއަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުނިކަމަށެވެ. އަދި އެތަނަކީ ވަރަށް ބޮޑަށް ތަންދޮރު ދަންނަ ވަރަށް ތަޖުރިބާކާރު އެތައް ބަޔަކު ޓްރެއިންކޮށްފައިވާ ކުންފުންޏެއްކަމަށާއި ނަމަވެސް ހިންގުމަށްޓަކައި އެތަނަށް ސިޔާސީ މީހުން އައްޔަނުކޮށް ސިޔާސީ ނުފޫޒު ފޯރަމުންގޮސް ތަޖުރިބާ ހުރި ފަރާތްތަކަށްވެސް މަސައްކަތްކުރެވޭނެ އެކަށީގެންވާ މާހައުލެއް ނުދީ ކުންފުންޏެއް ތާށިކުރުމުން ވެގެންދާ ގޮތް ފެނިގެންގޮސްފައިވާކަމަށެވެ.

ޝިފާޒް ވިދާޅުވީ، މައްސަލަތަކެއް ޖެހިފައިވަނީ އެތަނުގައި ރިސޯސްތައް ނެތިގެން ނޫންކަމަށާއި މީހުންވެސް ނެތީ ނޫންއިރު މައްސަލައަކީ ތިބި މީހުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ މިންވަރު ބޮޑުވުންކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ފެންނަ މަންޒަރުތަކުން ތަނެއްގައި ރިޓަޔާރ ކޮށްފައި ސިފައިންގެ މީހަކު  ހުރިނަމަ އެމީހަކަށް ވަޒީފާއެއް ދޭންޖެހޭކަމަށް ސިފަވެގެންދާކަމަށާއި ފުލުހުންގެ މީހަކުވެސް ރިޓަޔާރކޮށްފައި ހުރިނަމަ އެމީހަކަށްވެސް ވަޒީފާއެއް ދޭންޖެހޭކަމަށް ފެނިގެންދާކަމަށް ހިއްސާކުރެއްވިއެވެ.

ޝިފާޒް ވިދާޅުވީ، ފެންނަ މަންޒަރުތަކުން ދިވެހި ސަރުކާރު ހިފަހައްޓަނީ ސިފައިންނާއި ފުލުހުންކަމަށް ދޭހަވާކަމަށާއި މީގެ ކުރިން ރާއްޖޭގައި ސަރުކާރެއް ވައްޓާލީ ރިޓަޔާރކޮށްފައިތިބި ބަޔަކު މީހުން ގުޅިގެންކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ މީހުން ގިނަވެއްޖެ ހާލަތެއްގައި އެއްވެގެން ސަރުކާރު ވައްޓާލަފާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ހީފުޅުވެފައިވާކަމަށާއި އެހެންކަމުން އެމީހުން ކޮންމެވެސް ތަނަކަށް ލައިގެން ބައިތިއްބަންޖެހޭކަމަށް އެމަނިކުފާނު ގަބޫލުކުރައްވާކަމަށް ފެނިގެންދާކަމަށް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ އެސްއޯއީތަކުގައި ރިޓަރާކުރައްވާފައިވާ ސިފައިންނާއި ފުލުހުން އިސްވެރިންގެ ގޮތުގައި ތިއްބެވިކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. އަދި އެއްކޮށް އުޅޭ ގުރޫޕަކަށް ވަޒީފާތައް ކޭކެއްހެން ބަހާލައިގެން ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ ތެރެއިން މީގެ ކުރިން ނުދަރާ އޮތް އެއް ކުންފުންޏަކީ ސްޓެލްކޯކަމަށާއި އެހެންކަމުން އެ ކުންފުންޏަކީ ނުހިނގާ ކުންފުންޏެއްކަމަށް ނުބުނެވޭނެކަަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން މިއަދު ބޮޑެތި މައްސަލަތަކެއް ފެނިގެންދަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ގާބިލު ޓެކްނިކަލް މުއައްޒަފުންނަށް އެކަށީގެންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ނެތުމުންކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: