އަޟްހާ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހޯރަފުށީގައި މި މަހުގެ 7 ވަނަ ދުވަހުގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅައިފިއެވެ.
ޖޫން މަހުގެ 7 ވަނަ ދުވަހު އަޟްހާ އީދު ދުވަހުގެ މުނާސަބާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުންނަށްވެސް ކަމުދާނެ ފަދަ ކަންކަން ހިމެނިފައިވެއެވެ. މީގެ ތެރޭގައި މުޅި އާއިލާ އެއްކޮށް ގުޅިގެން ބައިވެރިވެވޭނެ ގޮތަށް ހެނދުނުގެ 9:00ގައި ފެމިލީ ފަންގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
އެ ދުވަހުގެ ހަވީރު 16:00ގައި އީދަށް ހާއްސަކޮށްގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރެއްކަމަށްވާ ތިންމުގޯލި މުބާރާތެއްވެސް އޮންނާނެއެވެ. މި މުބާރާތުގެ ކަންކަން ނިމުމާއިއެކު ރޭގަނޑުގެ ހަރަކާތްތައް ފެށިގެންދަނީ ވަރަށްވެސް ހާއްސަ ހަރަކާތަކާއިއެކުއެވެ. މިގޮތުން 20:00ގައި ބިރުވެރި ހޮހަޅަ ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއިރު އެރޭ ނިންމާލާނީ ރާއްޖޭގައި މަގުބޫލު ބޮޑުބެރު ގުރޫޕު ބިދަބިންގެ ރީތި ލަވަތައް އިވިގެންދާނެ ޝޯއަކުންނެވެ.

