ގާނާގެ ކުރީގެ މާލީ ވަޒީރު ކެން އޮފޯރީއައްޓާ ހޯދުމަށް އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ދައުލަތުގެ މާލިއްޔާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައެވެ. އެގޮތުން ގާނާގެ ދައުލަތުގެ ވަކީލުން ވަނީ ދާދިފަހުން އެކަން އިއުލާނުކޮށް، އޭނާއަކީ ކޯޓަށް ފިލައިގެން އުޅޭ މީހެއްކަމަށް ފާހަގަކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއެކު އޭނާ މިހާރު ހުރީ ޤައުމުން ބޭރުގައެވެ. ނަމަވެސް އޭނާ ޤައުމުން ބޭރަށް ދިޔައީ ސިއްޙީ ފަރުވާއަށްކަމަށް ބުނެއެވެ. އަދި އޭނާއާމެދުގައި އަމަލު ކުރެވެމުންދަނީ ޤާނޫނާ ޚިލާފަށްކަމަށް އޭނާ ބުނެއެވެ.
އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެނީ ޤައުމުން ފިލައިގެންދާ މީހުން ބަންދު ކުރުމަށް އެހެނިހެން ޤައުމުތަކުގެ ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް ބާރު އެޅުމުގެ ގޮތުންނެވެ.
މީގެ އިތުރުން، އޭނާގެ ޤާނޫނީ ޓީމުންވެސް ވަނީ ދައުލަތުގެ ވަކީލުން އަމަލުކުރަމުންދަނީ ރަނގަޅަކަށްނޫންކަމަށް ބުނެފައެވެ. އެގޮތުން އޭނާ ސިއްޙީ ފަރުވާއާ ގުޅޭ ލިއެކިއުންތައްވެސް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް ދައުލަތުގެ ވަކީލުން އެކަމަށް ސަމާލުކަމެއް ނުދޭކަމަށް އޭނާގެ ވަކީލުން ވިދާޅުވެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުން 65 އަހަރުގެ ކެން އޮފޯރީއައްޓާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޤައުމަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާގޮތަށް އަމަލުކުރުމުގެ ކުށުގެ ތުހުމަތު ހިމެނެއެވެ. ވަކިން ޚާއްސަކޮށް ޕްރޮކިއުމަންޓުގެ ބައެއް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.
ފެބްރުއަރީ މަހު އޭނާ ވަނީ އެ ޤައުމުގެ ހޯދާ މީހުންގެ ލިސްޓުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދި އޮފީސް އޮފް ދި ސްޕެޝަލް ޕްރޮސެކިއުޓަރ (އޯއެސްޕީ) އަށް ހުށަހަޅާފައެވެ. އެގޮތުން އޭރު އޭނާ އެދުނީ މެއި މަހުގެ ތެރޭގައި އޭނާ އެނބުރި ޤައުމަށް އަންނާނެކަމަށެވެ.
ނަމަވެސް އެ މުއްދަތު ފާއިތުވިއިރުވެސް އޭނާ އެނބުރި އައިސްފައިނުވާތީ އިންޓަޕޯލްގެ އެހީތެރިކަމާއެކު މިހާރު މިވަނީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައެވެ.
އޭނާ ގާނާގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވީ 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އޭރު ވެރިކަމުގައި އޮތީ ނިއު ޕެޓްރިއޮޓިކް ޕާޓީ (އެންޕީޕީ) އެވެ.
ގާނާގެ ރައީސް ޖޯން މަހާމާ ވަނީ ކޮރަޕްޝަންގެ މިފަދަ ކުށްތައް ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޓީއެއްވެސް އުފައްދަވާފައެވެ.

