އޮސްޓްރޭލިއާގައި އާއިލާ މެމްބަރުންތަކަކަށް ވިހަ މާއްދާއެއް ހިމެނޭ ކެއުމެއް ދިން ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރި އެރީން ޕީޓަރސަން ދައުވާތަކަށް އިންކާރުކޮށްފިއެވެ.
އާއިލާ މެމްބަރުންތަކަކަށް ވިހަ މަޝްރޫމެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުމެއް ކާންދިން ކަމުގެ ތުހުމަތުގައި އެރީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށާފައިވާއިރު، އޭނާގެ މައްޗަށް ކުރެވެނީ 3 މީހަކު މަރާލައި، އިތުރު މީހަކު މަރާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި ޙާދިސާގައި މަރުވެފައިވަނީ އެރިންގެ މައިދައިތައާއި، ބަފައިބެގެ އިތުރުން، އެރިންގެ މައިދައިތަގެ ކޮއްކޮއެކެވެ. އަދި އެ ކޮއްކޮގެ ފިރިމީހާވެސް އެނދުމަތި ކުރެވުނުނަމަވެސް އޭނާ ވަނީ ސަލާމަތްކުރެވިފައެވެ.
މީގެ އިތުރުން، އެރިންގެ ފިރިމީހާ ސައިމަން ޕީޓަރސަންއަށްވެސް މި ކެއުމަށް ދައުވަތު ދީފައި އޮތެވެ. ނަމަވެސް ކަންދިމާކުރިގޮތުން އޭނާއަށް މި ކެއުމުގައި ބައިވެރިވާން ނާދެވުނީއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި، ދެމީހުން އުޅެމުންދިޔައީވެސް ވަކިންނެވެ.
އުމުރުން 50 އަހަރުގެ އެރީން ބުނާ ގޮތުގައި އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އަދި އެ ޙާދިސާއަކީ އެކްސިޑެންޓެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެގޮތުން އޭނާ މަޝްރޫމް ބޭނުންކޮށްގެން ކެއުން ތައްޔާރުކުރިއިރު އެއީ ވިހަ މަޝްރޫމެއްކަން ނޭނގޭކަމަށްވެސް އޭނާ ބުނެއެވެ.
އެހެންނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ އެ އަމަލު ހިންގީ ދުރާލާ ރާވައިގެން، އެމީހުން މަރާލުމުގެ ނިޔަތުގައެވެ. ވަކިން ޚާއްސަކޮށް އޭނާގެ ފިރިމީހާގެ އާއިލާ މެމްބަރުންނާ ދޭތެރޭގައި އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި، މި އަމަލަކީ އެމީހުންނާ ދޭތެރޭގައި އޭނާ ހިތުގައި އޮންނަ ރުޅިވެރިކަމުގެ ސަބަބުން ގަސްތުގައި ހިންގި އަމަލެއްކަމަށް ދައުލަތުން ބުނެއެވެ.
މީގެ އިތުރުން، އެގޮތަށް ކެއުމަށް ދައުވަތު ދިނުމަކީ އޭނާ ކޮށްއުޅުނުކަމެއްވެސް ނޫންކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.
އެކަމާ ގުޅޭގޮތުން ދިފާއުގައި ހެކިބަސް ދެމުން އެރިން ބުނީ، ފިރިމީހާއާއި އޭނާގެ އާއިލާއަށް ކެއުމަށް ދައުވަތު ދިނުމަކީ އޭނާ ކޮށްއުޅުނު ކަމެއް ނޫންކަމަށް އޭނާވެސް ޤަބޫލުކުރާ ކަމަށާއި، ނަމަވެސް އެ ދުވަހު އެ އެންމެންނަށް ދައުވަތުދިނީ އޭނާގެ ސިއްޙީ މައްސަލައަކާ ގުޅޭގޮތުން އެމީހުންނާ ވާހަކަދެއްކުމަށް ކަމަށެވެ.
އެހެންނަމަވެސް އެއީ ދޮގު ވާހަކަތަކެއްކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ވަނީ އެކަން ސާބިތުކުރުމަށް ގިނަ ހެކިތަކެއްވެސް ހުށަހަޅާފައެވެ.

