މެލޭޝިޔާގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ނިޔާވެވި ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދުގެ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް އާންމުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ޝައިޚް ފަރީދުގެ ނިޔާވުމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ޝައިޚް ފަރީދަކީ އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި އެތައް ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރައްވާފައިވަނީ ޝައިޚް ފަރީދަކީ ޚުލްޤު ހެޔޮ އަޅުވެރިއެއްކަމަށާއި، ދީނީ ކަންކަމަށް މަގުދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ. އަދި ޝައިޚް ފަރީދު އިސްލާމްދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި ލިބިވަޑައިގަތުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނޫސްތަކުން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި ޝައިޚް ފަރީދު ނިޔާވެވަޑައިގެންނެވީ މެލޭޝިޔާގައި ހިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު ވަޑައިގެން ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ އިލްމު ފެތުރުމާއި ސުންނަތްތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، ދަރުސްތައް ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވާ އިލްމުވެރިއެކެވެ.

