ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންވެސް އެ މަޤާމަށް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.
އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ޕޮލިސް ކޮމިޝަނަރ ކަމުގެ މަގާމުގައި ހުންނެވި އަލީ ޝުޖާޢު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަލީ ޝުޖާޢު އިސްތިއުފާ ދެއްވާފައިވަނީ އޭޕްރީލް 25 ގައެވެ. އޭނާ އިސްތިއުފާ ދެއްވީ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުން ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާމެދު ފާޑުކިޔުންތައް އަމާޒުވެ، ޒުވާނުން އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ. ޝުޖާޢު ވަނީ މޭ 8 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ.
ޝުޖާޢު އިސްތިއުފާ ދެއްވުމާ ގުޅިގެން އެންމެ ފުރަތަމަ އެކްޓިންގ ކޮމިޝަނަރަކަށް އައްޔަންކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް، އޭގެ ގަޑިއިރެއްހާއިރު ފަހުން އެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އައްޔަންކުރައްވާފައެވެ.
ޕޮލިސް ކޮމިޝަނަރަކު އައްޔަންކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިހާރު ތިން ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމުމާއެކު، އަލަށް އައްޔަންކުރާނެ ޕޮލިސް ކޮމިޝަނަރަކު ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

