ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވައިފިއެވެ.
އެގޮތުން ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް، އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަގައެވެ.
ޝިޔާމް ވަނީ އެފްއޭއޯގެ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ޤާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ޤާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވާނެކަމުގެ ޔަޤީންކަން އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެއްވާފައެވެ. އަދި ރާއްޖޭގައި މަސްވެރިކަން އިތުރަށް ކުރިއަރުވާ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ދެއްވިއެވެ.

