ޝެއިޚް އިބްރާހިމް ފަރީދުގެ މައްޗަށް، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއީ ޝެއިޚްގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމެވުމާ ގުޅިގެން، ގިނަ ފަރާތްތަކުން އެދިވަޑައިގަތުމުން ނިންމި ނިންމުމެކެވެ.
ޝެއިޚް ފަރީދު އަވަހާރަވެވަޑައިގެންފައިވަނީ ޚިދުމަތް ޖަމިއްޔާގެ ރަސްމީ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. އާއިލާއިން އެންމެ ފުރަތަމަ ބޭނުންވީ ޝެއިޚްގެ ހަށިކޮޅު މާލެ ގެނެސް ޖަނާޒާގެ ކަންތައް މާލޭގައި ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ހެދުމަކީ ޝައިޚް އަބަދުވެސް އިންކާރު ކުރައްވާ ކަމަކަށްވުމާއެކު، މެލޭޝިޔާގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ”ޝެއިޚް ފަރީދަކީ، އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައިދެއްވައި، ހެޔޮ ކަންކަމަށް ނަސޭޙަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ޚުލްޤު ހެޔޮ، އަޅުވެރިއެކެވެ.“ އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ޝެއިޚް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މާލެ އާއި އަތޮޅުތަކުގައި ގިނަ ދީނީ ދަރުސްތަކެއް ދެއްވައި، ރައްޔިތުން ދީނަށް އަހުލުވެރި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ޝެއިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ޝެއިޚްގެ ޖަނާޒާގެ ކަންކަން ދާގޮތް އެ މިނިސްޓްރީން އިއުލާނު ކުރައްވާނެއެވެ.

