ގިނަ މައްސަލަތަކެއް އުފެދިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް ދިން ސަބްސިޑީ، އެ ކަލްބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކާއި މަސްލަހަތު އޮތް އަމިއްލަ ކުންފުނިތަކަށް ޖަމާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީއާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލަމުން ދާކަމަށެވެ.
ފުލުހުން ބުނީ އޭގެ ތެރޭގައި އެ އެސޯސިއޭޝަނުގެ ކރުީގެ ރައީސް ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި އެފްއޭއެމްގައި އޭރު މަސައްކަތް ކުރި މީހުންގެ އެކައުންޓުތަކަށް ޖަމާކުރިިކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ފައިސާ އަމިއްލަ ބޭނުންތަކަށް ނަގައި، ހިޔާނާތްވެ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ތަހުގީގުގައި ހިމެނޭކަމަށް ބުންޏެވެ.
މީގެއިތުރުން ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް ކަލްބްތަކުގެ ވެރިން ހިޔާނާތްވެފައިވާކަމުގެ މައްސަލައެއް ފާހަގަކުރެވިފައި ވާތީ އެކަން ވެސް ބަލަމުން ގެންދާކަމަށް މެސެޖުގައި ވެއެވެ.
ސަބްސިޑީގެ ނަމުގައި އެފްއޭއެމް ކަލަބްތަކަށް ފަައިސާ ދޭން ފެށީ މާލީ ހާލަތު ރަނގަޅު ކުރުމަށްކަމަށް ބުނެ އެވެ. އަދި އެގޮތަށް ފައިސާ ދޫކުރަމުން ގެންދިޔައީ ސަރުކާރުން ކްލަބްތަކަށް ފައިސާ ދޫކުރުން ހުއްޓާލިފަހުންނެވެ.
އެފްއޭއެމްގެ ބޮޑެތި ހިޔާނާތްތަކާއި، އަމިއްލަ ބޭނުންތަކަށް މިލިއަނުން ހޭދަކޮށް ޕެންޓް ހައުސްތަކާއި އެޕާޓްމަންޓުތައް ގަނެފައިވާކަމަށް ބައްސާމްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަހަރުތަކެއް ވަންދެން ބައްސާމަށް އެ ތުހުމަތުތައް ކުރެވުނު ނަމަވެސް، ފީފާއިން ރާއްޖެއަށް ސަސްޕެންޝަނެއް އައިސްދާނެކަމުގެ ބިރަށް އޭނާ މަގާމުން ދުރު ކުރުމުގެ އެއްވެސް މަސައްކަތެއް އޮތީ ކުރިޔަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ހިޔާނާތުގެ މައްސަލަތަކުގައި ބައްސާމްގެ މައްޗަށް މިހާރު ވެސް ގިނަ ދައުވާތައް އުފުލާފައި ވެއެވެ. އަދި ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި ހުރެ މުބާރާތްތަކަށް ސްޕޮންސާޝިޕް ނަގައި އެ މުބާރާތްތައް ބާއްވާފައި ނުވާތީ ކުންފުނިތަކުން ވަނީ ކޯޓަށް މަައްސަލަތައް ހުށަހަޅާފަ އެވެ. އެ ފައިސާތަކަށް ވެސް ވީނުވީއެއް ނޭނގޭއިރު، ބައްސާމަށް ނުހައްގު މުއްސަނދިކަމުގެ ތުހުމަތު ކުރެވެ އެވެ.
މީގެއިތުރުން ގައުމީ ޓީމުގެ ކޯޗުންނާއި، އެކި މީހުންނަށް ލިބެން ޖެހޭ މުސާރަ ދީފައި ނުވާތީ އެ މައްސަަލަ ވެސް ވަނީ ގޯސްވެފަ އެވެ.

