ރައީސްގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމެންވާއިރަށް މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އ.ދ ގެ ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ޑިޖިޓަލައިޒްކޮށް ބަދަލުކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާކަމަށާޢި އުޅަނދުފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެގޮތާއި ހާމަކަން ބޮޑުގޮތެއްގައި އުޅަނދުފަހަރުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބިގެންދާނެ އިންތިޒާމްތައް ކަށަވަރުވެގެންދާނެކަމަށެވެ.
ޝިޔާމް ވިދާޅުވީ، އިތުބާރު ކުރެވޭ އަދި ރަނގަޅަސް ބެލެހެއްޓޭ ޑޭޓާއަކީ މިނިސްޓްރީގެ އަތުގައި ހުރި އެންމެ ވަރުގަދަ ވަސީލަތްކަމަށާއި ގާނޫނުތައް ތަންފީޒުކުރުމަށާއި ހުރީހާ ސްޓޭހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށްވެސް އޮތް ވަސީލަތެއްކަމަށެވެ.
ބައިނަލްއަގްވާމީ އޮނިގަނޑުތައް ކާމިޔާބު ކުރެވޭނީ ބާރުގަދަ ގައުމުތަކުގެ ތާއިދު ލިބިގެން ކަމަށާއި ބައިނަލްއަގްވާމީ ގާނުނުތަކާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަސް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ނަމޫނާ ދައްކާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތުގެ މަތިން މި އަހަރު ނިމޭއިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަސް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާނެކަމަށެވެ.
ފްރާންސްގައި ކުރިއަށް ގެންދާ އދ. ގެ ތިންވަނަ ކޮންފަރެންސްގައިވެސް ޝިޔާމް ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސްއަކީ 2025 ޖޫން 9 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްއަކަށްވާއިރު، މި ކޮންފަރެންސްގައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބެލެހެއްޓުމާއި، ކަނޑުފަޅުތަކުގެ ދިރުންތައް ރައްކާތެރިކުރުމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ކަނޑަށް ބަރޯސާވާ ޒިންމާދާރު އިގްތިސާދުތައް ޕްރޮމޯޓުކުރުމަށް ބާރުއަޅާ، އެ ކޮންފަރެންސްގައި ބައިވެރިވާ މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރެއެވެ.

