ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އަދުލުވެރި ނިންމުންތައް އައުމަށް ކޮންމެ މީހަކު ވެސް ބޭނުންވާކަމަށާއި، އޭގެ ބޭނުން ކޮންމެ ބަޔަކަށް ވެސް އިހުސާސް ވަނީ އިންސާފުވެރި ޝަރީއަތެއްގެ ބޭނުން ޖެހުމުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސަށް ހުޅުވާލުމުން، ފަލާހު ވިދާޅުވީ ސަރުކާރުގެ ވައުދާއި އެއްގޮތަށް ބޭނުން ވަނީ އިލްމީ ގާބިލު ފަނޑިޔާރުންތައް ކޯޓުގައި ތިބުން ކަމަށެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ވަކާލާތު ކުރަމުން ދިޔަ ގައުމެއްކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އިންސާފަށް އެދި ސަލާން ޖަހަން ޖެހޭ ހާލަތަށް ކަންކަން ދިޔައީ ފަލާހު ވިދާޅުވި ގޮތުގައި، ސަރުކާރުތަކުން ކޯޓުތަކަށް އަތް ބާނަން ފެށުމުންނެވެ.
ފަލާހު ވިދާޅުވީ ބޭނުމަކީ ހުރިހާ ރައްޔިތުން ވެސް ޝާމިލުވާ ގޮތަށް، ނަޒާހަތްތެރި އިންސާފުވެރި ފަނޑިޔާރުގެއެއް އޮތުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތަކެއް އައުމުން، އެ ފަނޑިޔާރުންގެ މައްސަލަ ބަލައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގެ މައްޗަށް ވަކިކޮށްފައި ވަނީ ވެސް އެ ނިޔަތުގައިކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އިންސާފުވެރިކަމާއި، އަދުލުވެރިކަން އޮންނަން ޖެހެނީ ހަމައެކަނި ސުޕްރީމް ކޯޓު ނުވަތަ އެހެނިހެން ސުޕީރިއާ ކޯޓުތަކުގައި އެކަންޏެއް ނޫންކަމަށެވެ. ކޮންމެ ފަނޑިޔާރަކު ވެސް މައްސަލައެއް ކުރިޔަށް ގެންދަވަން ވާނީ ހުށަހަޅާފައިވާ ހެއްކާއި، ގަރީނާގެ މައްޗަށް ބަލައިކަމަށް ފަލާހު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް ގުޅިފައި ވަނީ އަދުލު އިންސާފު ގާއިމު ކުރުމާއިކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ކުދިކުދި މައްސަލަތަކުގައި އިންސާފުން ބޭރުން ގޮތް ނިންމާ މަންޒަރު ފެންނަކަމަށެވެ. އިންސާފުވެރި ހުކުމެއް ނުލިބުމުގެ ސަބަބުން އިންތިހާއަށް ގޯސް ނަތީޖާތައް ނިކުންނަކަމަށް ފަލާހު ވިދާޅުވި އެވެ.
ހަގީގަތުގައި އެއީ އަޅުގަނޑުމެން ކޮންމެ ރައްޔިތަކު ވެސް.. އެ ރައްޔިތަކަށް އެކަން ތަހައްމަލު ކުރަން ޖެހޭ ވަގުތު އޭގެ މުހިންމުކަން އިހުސާސް ކުރެވިގެން ދާނީ..
ފަލާހު ވިދާޅުވީ ރަނގަޅު ފަނޑިޔާރުގެއެއްގެ މުހިންމުކަން ކޮންމެ މީހަކަށް ވެސް އިހުސާސް ކުރެވޭނީކަމެއް ދިމާވެ އެންމެ ބޭނުން ޖެހޭ ވަގުތުކަމަށެވެ.
މީގެއިތުރުން ފަލާހު ވަނީ ސުޕްރީމް ކޯޓަށް އައްޔަނު ކުރުމަށް ނިންމި ފަނޑިޔާރު ސަލީމާއި ހަމީދަށް ތައުރީފް ކުރައްވާފަ އެވެ.

