ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންނާއި މެދު އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން، އިންސާފުވެރިކަމާއި އެކު ނިންމުންތަކެއް އައިސްދާނެކަމާއި މެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސަށް ހުޅުވާލުމުން، ސަރުކާރުގެ މެމްބަރުން ވަނީ މިއީ އިންސާފުވެރި ފަނޑިޔާރުގެއ
ކޮމިޓީގެ ރިޕޯޓަށް ޒިޔާދު ވިދާޅުވީ އިންސާފުވެރި ފަނޑިޔާރުގެއެއް ލިބުމަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެންމެ އަސާސީ ހައްގުކަމަށެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓަށް އައު ދެ ފަނޑިޔާރުން އައްޔަނު ކުރާއިރު، އެ ހާލަތަށް ދިޔައީ ކޮން ގޮތަކުންތޯ ވިސްނާލުން މުހިންމުކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ވަކިކޮށްފައި ވަނީ ޖަވާބުދާރީވުމަށް ފުރުސަތު ދީ އިންސާފުވެރި ނިންމުމަކަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށް ކަމަށެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް ދެއްކި ހުތްޖަތަކީ ޒިޔާދު ވިދާޅުވި ގޮތުގައި މިއީ އަލަށް ކުރާކަމެއް ނޫންކަމަށް ބުނެ، ކުރީ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުގެ ބަހަނާތައް ދެއްކުމެވެ.
އަޅުގަނޑުމެންނަށް.. އަޅުގަނޑުމެން އެކަންޏެއް ނޫން.. ރައީސަށް (މަޖިލިސް ރައީސް) އަށް ވެސް ގަބޫލު ކުރެވޭނެ އެންމެ ގާބިލު ފަނޑިޔާރުންގެ ބެންޗުންކަން ވަކިކުރެވިގެން މިދިޔައީ..
ސުޕްރީމް ކޯޓުގައި ކުރިން އޮތް ފުލް ބެންޗަކީ ކަމަށް ގާބިލު އެންމެ އެކަށީގެންވާ ގާބިލު ފަނޑިޔާރުންކަން ސަރުކާރުގައި ތިބި މެމްބަރުން ވެސް ގަބޫލު ކުރާނެކަމަށް ޒިޔާދު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ޒިޔާދު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން ކުރި 05 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އެ ފަނޑިޔާރުންނަށް ކުރި ތައުރީފެވެ.
ޒިޔާދު ވިދާޅުވީ ބިރު ދެއްކުމުގެ އަމަލުތަކަށް ފަހު ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމުން، އިންސާފުވެރި ނިންމުންތަކެއް އައިސްދާނެކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށެވެ. އޭގެ ސަބަބަކީ ކުރީގައި އަޒްމިރަލްދާއާއި މަހާޒް ވެސް ވަކިކުރި ގޮތަށް އެހެން ފަނޑިޔާރުންނާއި މެދު ވެސް އަމަލުކޮށްފާނެކަމަށް ބެލެވުމުގެ ޖާގައޮތުންކަމަށް ޒިޔާދު ވިދާޅުވި އެވެ.

