މިއަދު އެމްޑީޕީއަށް ސަރުކާރު ޖަވާބުދާރީ ކުރެވޭ މަންޒަރު ފެނިގެން ނުދާކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލުތަކުގެ އިންތިހާބާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވަނީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވެދާނެކަމަށް ސުވާލު އުފައްދާފަ އެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް ހުދުމުހުތާރު ނޭއްގާނީ ވެރިކަމެއް ނިމުމަކަށް ގެނައުމުގައި އިސްވެ އޮވެ އެންމެ ބުރަ މަސައްކަތްތަކެއް ކުރި ޕާޓީކަމަށެވެ. އަދި އޭގެ ތެރޭގައި މިއަދު ލިބިފައިވާ ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވުންފަދަ ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރުމުގައި އެންމެ އިސްކޮށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރީ ވެސް އެ ޕާޓީކަން ފާހަގަކުރެއްވިއެވެ.
20 އަހަރުވުމާއި ގާތްވެފައި އޮތް އެމްޑީޕީއަކީ މިހާތަނަށް ކުރިއެރުންތަކާއި އެކު ގެއްލުންތައް ލިބުނު ޕާޓީއެއްކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދަޅުވީ އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، ނުވަތަ ތަފާތުކަމެއްގެ ގޮތުގައި ފެނުނީ އިދިކޮޅަށް ވަރުގަދަވެ ޖަވާބުދާރީ ކުރުވުމުގެ ރޫހެއް އޮތުމެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެ ސަގާފަތް ނެތި، ޕާޓީގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައިސްފައިވާކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އިދިކޮޅުގައި އޮންނަ އިރު، ޕާޓީން އެކި އިންތިހާބުތަކުގައި ވާދަކުރާއިރު ސާފު މެޖޯރިޓީއެއް ހޯދުމަށް ދަތިތައް ދިމާވާކަމަށެވެ. ނަމަވެސް އެމްޑީޕީން ތަފާތު ދައްކައި ސަރުކާރެއް ޖަވާބުދާރީކުރަން ކުރަންޖެހޭ މަސައްކަތްތައް ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ކުރިކަން މޫސަ ފާހަގަކުރި އެވެ. އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ 2012 ވަނަ އަހަރުގައި ބަޣާވާތަކުން ވެރިކަންް ބަދަލުވެ، އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއަށް ރާއްޖޭގެ ވެރިކަން ލިބުންކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ކަންދިމާކުރި ގޮތުން އެ ދުވަސްވަރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭނާ ހުންނެވުމުން ޕާޓީގެ ތެރޭގައި އުފެދިގެންދިޔަ ބައިބައިވުންތައް ވެސް ފެނުނު ކަމަށެވެ. އަދި އެ ދުވަސްވަރު ފާޑުކިޔުންތައް އަމާޒުކުރަމުންދިއުމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ބައެއް ލީޑަރުން ޕާޓީން ބޭރުކޮށްލިކަމަށް ވިދާޅުވި އެވެ.
ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލެވިގެން ބޭއްވޭ އިންތިހާބެއްގެ ތެރެއިން ރިޔާސީ ޓިކެޓު ހަވާލުކުރުން ކުރިއަށް ދާންޖެހޭކަމަށް އޭރުގެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީއާއި ނައިބު ރައީސް އަލްހާން ފަހުމީއަށް ވިސްނިވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު ބޭނުންވީ އެމަނިކުފާނަށް ކަންކަން ފަހިވެގެން ދިއުންކަމަށް މޫސަ ވިދާޅުވި އެވެ. އެ ދުވަހު އެ ހިނގައިދިޔަ ކަންތައްތަކާއި އެކު މިއަދު އޮތް މިންވަރަށް ބައިބައިވުމެއް ނެތްކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ވާހަކަތައް ދައްކަން ޖެހޭނީ ހަގީގަތަށްކަމަށާއި މިއަދު ސަރުކާރު ޖަވާބުދާރީކުރެވޭ މަންޒަރު ނުފެންނަކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީން މަދު ބަޔަކާއިއެކު މަގުތަކަށް ނުނުކުންނަކަމަށާއި މީގެ ކުރިން އެ މަސައްކަތްތައް ކުރަމުން އައިސްފައިވަނީ ވަކި ވައްޓަފާޅިއެއްގެ ތެރެއިންކަމަށެވެ.

