ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވަމުންދާތީވެ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
މިކަން ޙައްޖު ކޯޕަރޭޝަނުން އާންމުންގެ ސަމާލުމަށް ގެނައީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. މިގޮތުން 13 ޖޫން ވީ ބުރާސްފަތިދުވަހު އެކޯޕަރޭޝަނުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން އާއްމު ރައްޔިރުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާކަމުގެ މަޢުލޫމާތު އެކޯޕަރޭޝަނަން ލިބިފައިވާކަމުގައެވެ.
އެއްވެސް ފަރާތެއްގެ ފޯނަށް ފައިސާ ދެއްކުމަށްއެދި އެ ކޯޕަރޭޝަންގެ ނަމުގައި ލިންކެއް ފޮނުވައިގެން މެސެޖެއް ނުކުރާނެކަމަށް އެކޯޕަރޭޝަނުން ނެރިފައިވާ ބަޔާނުގައިވެއެވެ. އަދި އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ގުޅައިގެންވިޔަސް އަދި އެސްއެމްސްގެ ޒަރިއްޔާއިންވިޔަސް އަދި އެއްވެސް ފަރާތެއްގެ އެކައުންޓަށް ފައިސާދެއްކުމަށްޓަކައި މެސެޖު ނުކުރާނެކަމަށް ބުނެފަވެއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތްތަކަށް ފައިސާ ދެއްކުމައްޓަކައި އަންގާނީ އެކޯޕަރޭޝަނުގެ ރަސްމީ ބޭންކް އެކައުންޓަށް ކަމުގައިވެސް އެކޯޕަރޭޝަނުން އެކްސްގައި ނެރިފައިވާ ބަޔާނުގަވެއެވެ.
އެ ކޯޕަރޭޝަނުން ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމަށް މީހުންނަށް ފޮނުވަމުން އަންނަ މެސެޖެއް ވެސް ޙިއްޞާކޮށްފައެވެ. އެ މެސެޖުގައި ވަނީ، ’އެމްއެޗްސީއެލް’ގެ ނަމުގައި ޚިދުމަތަކަށް ފައިސާ ދެއްކުމަށް އެދިފައެވެ. އަދި، އެ މެސެޖުގައި ލިންކެއް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެހެންވެ، ޙައްޖު ކޯޕަރޭޝަނުން ވަނީ އެފަދަ ލިންކުތަކަށް ނުފިތުމަށާއި އެކަންކަމަށް ސަމާލުވުމަށް އެންމެހާާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ޢީދު ބަންދުގައި އެކަނި ވެސް ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކައެވެ.
ދޭތެރެދޭތެރެއިން ސްކޭމް ހިންގާކަމުގެ މައްސަލަތައް ފެންމަތިވާކަން ފާހަގަކުރެވެއެވެ. އެހެންވެ މިފަދަ ސްކޭމްތަކަށް ރައްޔިތުން ހޭލުންތެރިވުމަށް ފުލުހުން މީގެ ކުރިންވެސް އިލްތިމާސްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

